2019 ވަނަ އަހަރުގެ ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޙައްޖު ދަތުރުތަކުގައި ޙައްޖު ކޯޕަރޭޝަނުން މައްކާ އާއި މަދީނާ ހޮޓަލަށް 2019 ވަނަ އަހަރު ކުރި ޚަރަދުގެ ތަފްސީލާއި ހައްޖަށް ދިއުމަށް އާއްމުން ދެއްކި ފައިސާއާއި ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުގެ ތަފްސީލް ހޯދުމަށް މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބުގައެވެ.
އިސްލާމިކް މިނިސްޓަރ މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވަނީ ޙައްޖު ދަތުރުގައި މައްކާ ހޮޓަލުގައި ހޭދަކުރި 28 ދުވަހަށް ހައްޖު ކޯޕަރޭޝަނުން މައްކާގެ ހޮޓަލަށް 34.5 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި މަދީނާ ހޮޓަލުގައި ހޭދަކުރި ދެ ދުވަހަށް 3.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މުތައްވިފަށް 16.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
2019 ވަނަ އަހަރު ރާއްޖެއަށް ރަސްމީކޮށް ލިބުނީ 1000 ކޯޓާއެވެ. ނަމަވެސް އިތުރު 1000 ކޯޓާ ފަހުން ވަނީ ލިބިފައެވެ.
އޭގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށްފަހު ބަކީ ކޯޓާތައް އެއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަށް ވަނީ ބަހާލާފައެވެ.
އެއަހަރު 6 ގުރޫޕަކުން ޙައްޖަށް މީހުން ގެންދިޔައިރު، އެ އަހަރު ރާއްޖެއިން ޙައްޖަށް ގެންދިޔަ މީހުންގެ ތެރޭގައި 1434 ވަނަ އަހަރު މަލީޝާ ޖަމާއަތަށް ފައިސާ ދައްކާ ޙައްޖަށް ދެވިފައިނުވާ ފަރާތްތައް ވެސް ހިމެނެއެވެ.
އެމީހުން ޙައްޖަށް ފޮނުވާފައިވަނީ އެއަހަރު އިސްލާމިކް މިނިސްޓްރީއަށް ރިޒަރވްކޮށްފައިވާ ކޯޓާގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!