1444ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިޢުލާންކުރާއިރު ޓީވީ/ ރޭޑިއޯއިން ލައިވްކުރުމަށް ހަމަޖެހިފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ލައިވް ވެސް ކުރާނެއެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.
ބޭރުގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މަޢުލޫމާތު ޙިއްސާކުރައްވާނީ ފޮރިން މިނިސްޓްރީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!