ކ. ހުރާގައި މިހާރުކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް އަންހެން ޑިވިޜަންގެ ސެމީއަށް ހިންމަފުށި ދަތުރުކޮށްފިއެވެ.
މި މެޗުގައި ބައްދަލުކުރީ މިމުބާރާތުގެ އަންހެން ޑިވިޜަންގެ ރަށުން ބޭރަށް ނިސްބަތްވާ ދެ ޓީމް ކަމުގައިވާ ހިންމަފުށީގެ އަންހެން ޓީމާއި ތުލުސްދޫގެ އަންހެން ޓީމެވެ.
މި މެޗަކީ މޮޅުވާ ޓީމެއް ސެމީފައިނަލަށް އަދި ބަލިވާ ޓީމެއް މުބާރާތާ ވަކިވެގެންދާ ގޮތަށް އިން މެޗަކަށް ވާތީ ވަރަށް ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިއައެވެ.
މެޗުފެށިގެން ވަރަށް ވާދަވެރި، ފޯރިގަދަ ކުޅުމަކަށްފަހު ސީދާ ތިންސެޓުން ކާމިޔާބުކުރީ ހިންމަފުށީގެ އަންހެންޓީމެވެ. ސެޓްތައް ގެންގޮސްފައި ވަނީ 14/25 ،20/25 ،21/25 އިންނެވެ.
ގައުމީ ޓީމްގެ ތަޖުރިބާކާރު ސެޓަރު ޖޫޒާން ޒަރީރު މިމުބާރާތުގައި ހިންމަފުށީގެ ޓީމަށް ކުޅެމުންދާއިރު، އޭނާ ފެނިގެން ދަނީ އެ ޓީމުގެ ސޮޓްޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ.
އެގޮތުން ރޭގެ މެޗު ކާމިޔާބު ކުރުމުގައިވެސް ޖޫޒާންގެ ކުޅުން ފެނިގެންދިޔައެވެ.

ހުރާ ކައުންސިލް މެންބަރ އައިމިނަތު ނިޔާޒާ ޝަރަފްވެރި ކޮށްދެއްވި މި މެޗުގެ މޮޅޮ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއްދެއްކި ޓީމު ހިންމަފުށީގެ ޖާރޒީ ނަންބަރ 11 ޖޫޒާން ޒަރީރެވެ.
މިރޭވެސް މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފޯރިގަދަ މެޗެއް އޮންނާނެއެވެ. ފައިނަލަށްދާނެ ދެވަނަ ޓީމެއް ކަށަވަރުވެގެންދާ މި މެޗުގައި ބައްދަލު ކުރާނީ ރޭގެ މެޗުން މޮޅުވި ހިންމަފުށީގެ އަންހެންޓީމާއި ހުރާގެ ޓީމް މަންފާއެވެ.
މި މުބާރާތުގެ ފައިނަލަށް އެއްކޮޅުން ހުރާގެ ޓީމް ބިއުޓީސް ގޮސްފައިވާއިރު، މިރޭގެ މެޗުން މޮޅުވާ ބަޔަކަށް ފައިނަލްގެ ދެވަނަ ޖާގަ ޔަޤީންވެގެން ދާނެއެވެ.
މިރޭގެ މި ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 9:30 ގައެވެ.
މިމެޗު އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!