މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާބިޓްރޭޝަނަކަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައި, 15 ދުވަސް ތެރޭގައި ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.
މުއިއްޒު 2019 ވަނަ އަހަރު ދޮގު ހެކި ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑި ރިސޯޓްސްގެ ފަރާތުން ހުށަހެޅި މައްސަލައެއްގަ އެވެ. ނޫމަޑިއާއެކު ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އަޑުއެހުމުގައި ދެ ފަރާތުން ވެސް ހުލާސާ ބަޔާން ހުށަހެޅުމުން އަޑުއެހުންތައް ނިމުނީ ކަން ކޯޓުން އިއުލާންކުރި އެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ރަސްމީ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް ވަކި ތާރީހެއް ގާޒީ ވިދާޅެއް ނުވެ އެވެ.
މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެހެން ނަމަވެސް އަދަބު އެއަށް ވުރެ ބޮޑުވުން އަދި ކުޑަވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!