އާބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ މިފަހަރުގެ ޕްރޮގްރާމުގައި 12 ދާއިރާއަކުން 100 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމަށް އެ ކޯޕަރޭޝަންގެ ޢާއްމު އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގާ އެންމެ ޚާއްޞަ އެއް ޕްރޮގްރާމެވެ.

މި ޕްރޮގްރާމު ހިންގުމުގެ މަގުސަދަކީ މުޖުތަމައުގައި ހުނަރުވެރި ޒުވާނުން އުފައްދައި، ފުދުންތެރި މުޖުތަމައެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިޖްތިމާއީ، އިގްތިސާދީ ހަމަހަމަކަން ގެނައުމެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ ގާޑެނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ ދާއިރާ އިން ނެވެ. އަދި ހައުސްކީޕިންގ، ލޯންޑްރީ އޮޕަރޭޝަންސް ވެސް ހިމެނެއެވެ.

މީގެ އިތުރުން ފްރަންޓް އޮފީސް ސަރވިސަސް، ހެވީ ވެހިކަލް އޮޕަރޭޝަންސް، ކޮންސްޓްރަކްޝަން ސައިޓް ސުޕަރވިޝަން، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިން އެންޑް ޑެކަރޭޝަންސް އަދި ވެލްޑިންގ ޓެކްނީކްސް ވެސް ވަނީ ހިމަނާފައެވެ.

އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ހާއްސަކޮށްފައިވާ މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި ބަލާނެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުން ނުވަތަ އެމް.ކިއު.އޭގެ ލެވެލް 2 ގެ ސަނަދެއް އޮތުމާއި ވަޒީފާއެއް އަދާކުރަމުން ނުދާ ފަރާތެއްކަމުގައިވުން ހިމެނެއެވެ.

ކްލާސްރޫމް ސެޝަންތަކާއި، ޢަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެ، ދަސްކުރުމުގެ ބައިތައް ވެސް ހިމަނައިގެން މި ޕްރޮގްރާމް ފުރިހަމަކުރާގޮތަށް ނިންމާފައިވާއިރު، ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބޭނެއެވެ.

އާބަން ކުންފުނިން ބުނީ މިއީ 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕްރޮގްރާމް ނިންމައި އެންމެ ރަނގަޅު ބައިވެރިންނަށް އެ ކޯޕަރޭޝަންގައި ވަޒީފާ ހުރި މިންވަރަކުން ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސައިދޭނެކަމަށް ބުނެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 14 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށެވެ.