އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ޗެލްސީން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުންއަރައި ދެ ލަނޑު ޖަހައި، ބްރައިޓަން އިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި މިރޭ ބްރައިޓަންއާއި ދެކޮޅަށް ނުކުތްއިރު، ޗެލްސީއަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް މޮޅުވެވިފައި ނުވެއެވެ. ފަސްމެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވިއިރު އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއްވަރުވީ މި މަހު ފަސްވަނަ ދުވަހުގެ ރޭ ލިވަޕޫލާއި ދެކޮޅަށް ލީގުގައި ކުޅުނު މެޗެވެ.

Ad
rt

ނަތީޖާތައް އާދަޔާ ޚިލާފަށް ދައްވުމުގެ ސަބަބުން އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ވަކިކޮށް، މި ސީޒަންގެ ނިޔަލަށް އެ ޓީމްގެ ވަގުތީ ކޯޗެއް ގޮތުގައި ލަމްޕާޑް ހަމަޖެއްސި ނަމަވެސް މިހާތަނަށް ލަމްޕާޑު ޗެލްސީއާއި ހަވާލުވިފަހުން އެ ޓީމް ކުޅުން ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.

ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 31 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، އަންނަ އަހަރު ޔޫރަޕްގެ މުބާރާތަކުން ޖާގަ ހޯދެން އޮތް ހަމައެކަނި ފުރުޞަތަކީ މި ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުގައި ރެއާލް ދަނޑުގައި ފާއިތުވި ހަފްތާގައި ރެއާލް އަތުން ޗެލްސީ ވަނީ ދެ ލަނޑުން ބަލިވެފައެވެ. ވުމާއެކު މި ހަފްތާގައި ޗެލްސީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި ރެއާލްގެ މައްޗަށް ތިން ލަނޑުގެ ތަފާތަކުން މޮޅުވެގެން ނޫނީ ޗެމްޕިއަންސް ލީގުގައި ވެސް ޗެލްސީއަށް ކުރިއަށް ދެވޭކަށް ނެތެވެ.

މިރޭ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޗެލްސީންނެވެ. މި ލަނޑު މުޑްރިކް ދިން ޕާހަކުން ކާމިޔާބު ކޮށްދީފައި ވަނީ ގަލަގާއެވެ. ބްރައިޓަންގެ އޭރިއާ ބޭރުގައި ހުރެ އޭނާ ފޮނުވާލި ހަމަލާ ބްރައިޓަންގެ ގޯލަށް ވަދެފައި ވަނީ އެ ޓީމްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ.

މި މެޗުގައި ބްރައިޓަންއަށް ނަތީޖާ ހަމަހަމަ ކުރި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޑެނީ ވެލްބެކް ޖެހި ލަނޑުންނެވެ. ވެލްބެކް ކުޅެން ނުކުމުފައި ވަނީ އެ ލަނޑު ޖެހުމުގެ ތިން މިނެޓްގެ ކުރިންނެވެ. ބްރައިޓަން މެޗުން މޮޅުވެފައި ވަނީ 60 ވަނަ މިނެޓުގައި ހޫލިއޯ އެންކިސްކޯ ކާމިޔާބުކުރި ލަނޑުނެވެ.

މި މޮޅާއިއެކު ބްރައިޓަން މިވަގުތު އޮތީ ތާވަލުގެ ހަތްވަނާގައެވެ. އެ ޓީމަށް 29 މެޗުން ވަނީ 49 ޕޮއިންޓް ލިބިފައެވެ.