ލައިލަތުލްޤަދްރު ވިލޭރެއަކީ އަމާންކަމުގެ ރޭ ކަމަށާއި އެއީ ސުލްހަމަސަލަސް ކަމުގެ ރޭކަން ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.
ޚުތުބާގައި ބުނީ އެރޭގައި ކޯފާ ލެއްވުމެއް، ޢަޛާބު ދެއްވުމެއް ވެސް ނެތް ކަމަށާއި މި އަމާންކަން ފަތިސްވެއްޖައުމަށް ދާންދެން މި ބިމުގައި އޮންނާނެ ކަމަށެވެ.
ލައިލަތުލްޤަދްރު ވިލޭރެއަކީ ކޮން ރެއެއްކަން ނޭނގުނުނަމަވެސް އެއީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރެއެއްކަން ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ހާމަވާކަމަށް ވެސް ޚުތުބާގައި ވެއެވެ.
"ލައިލަތުލްޤަދްރު ވިލޭރޭގެ އިހްތިފާލުތަކުގައި މަލާއިކަތް ބޭކަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތްﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައިގަންނަވާނެއެވެ." ޚުތުބާގައި ވެއެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ ފަހު ދިހައިގެ ސަވާބާއި ނަރަކައިން މުއްތިކުރެއްވުންލިބޭ ބާއްޖަވެރިއެއްކަމުގައި ވޭތޯ އަތުކުރި އޮޅައިލުމަށާއި އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ވިސްނުންތޫނު ވިޔަފާރިވެރިއަކީ މި މޫސުމުގެ ބޭނުން އާޚިރަތަށްޓަކައި ހިފާ މީހާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ހަމަމިއާއެކު އެންމެމޮޅު ވިޔަފާރިއަކީ ﷲއަށް ކިޔަމަންގަތުން ކަމަށާއި އެއީ ގެއްލުމެއް ނެތް ވިޔަފާރިކަން ވެސް ޚުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.
މާތްﷲ އަށް ތަގުވާވެރިވެ، އެކަލާނގެ މި މައްސަރުގައި ލައްވާފައިވާ ބަރަކާތްތައް ލިބިގަތުމަށް، ފަހުދިހައިގާ ހީވާގިވުމަށާއި އެކަމަށްޓަކައި ވާދަކޮށް، ކުރިއަރައި ދިއުމަށް މަސައްކަތް ކުރުމަށް ވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!