ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތައް ސީރިއަސްކަމެއް ގޮތުގައި ބަލައި، އަވަސްް މިނިވަން ތަހުގީގެއް ހިންގައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެ ކޮމިޝަނުން މިފަދައިން ގޮވައިލީ މިއަހަރުގެ އޭޕްރިލް 6 ގައި 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރާއި ގުޅިގެން އެ ނޫހުގެ ވެރިއަކަށާއި، ނޫސްވެރިއަކަށް އިންޒާރުދެމުންދާ މައްސަލައިގާ ނެރުނު ނޫސް ބަޔާނުގައެވެ.

Ad
rt

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންނަކީ މުޖުތަމައުގައި ހިނގާ ކަންކަމާއި ގުޅޭގޮތުން އަދާހަމަ މައުލޫމާތު އާންމުންނާއި ހަމައަށް ގެނެސްދޭ ބަޔަކަށްވާއިރު، މަސައްކަތުގެ ދާއިރާއިން ނޫސްވެރިންނަށް ހާއްސަ ރައްކާތެރިކަމެއް ލިބުމަކީ މުހިންމުކަމެއް ކަމުގައި އެ ކޮމިޝަނުން ދެކޭ ކަމަށެވެ.

"ނޫސްވެރިންނަށް ޖިސްމާނީ، ނަފްސާނި އަދި އެނޫން ވެސް ނުރައްކަލެއް ކުރިމަތިވުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިފަދަ މައްސަލަތައް ކަމާގުޅުންހުރި މުއައްސަސާތަކުން އެދެވިގެންވާ އަވަސް އަދި ފުރިހަމަ ތަހުގީގެއް ކުރުމަށް ކޮމިޝަނުން ގޮވާލަމެވެ." ނޫސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިނިވަން ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ކަންކަން ނުކުރުމަށް އާންމުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިނިވަންކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ނޫސްވެރިންނަށް ކަށަވަރުކޮށްދިނުމަށް މުއައްސަސާތަކާއި އެންމެހައި ފަރާތްތަކަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްއާރްސީއެމް އިން މި ބަޔާން ނެރެފައިމިވަނީ 'ދައުރު' ނޫހުގައި "ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މި އާޓިކަލްއާ ގުޅިގެން އެ ނޫހުގެ ސީނިއަރ އެޑިޓަރ އަދި އާޓިކަލް ލިޔުނު ނޫސްވެރިޔާ އަދި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާއިފް އަށް އެކި ނަމްބަރުތަކުން ގުޅައި، މެސެޖުކޮށް އިންޒާރުދެމުން އަންނަ ދަނޑިވަޅެއްގައެވެ.