ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލާއި ފިޔަވަޅަކަށް ގާތަށް ސިޓީ ޖެހިލައިފިއެވެ.

ރޭ މި ދެ ޓީމް ވާދަކުރި ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ސިޓީގެ ދަނޑުގައި ކުޅެފައިވާއިރު، ސިޓީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތައް ހޯދާފައި ވަނީ ސިޓީންނެވެ. މިގޮތުން ސިޓީގެ ފުރަތަމަ 27 ވަނަ މިނެޓުގައި ލަނޑު ބާނާޑޯ ސިލްވާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރީއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ބަޔާންގެ އޭރިއާ ބޭރުން ބަޔާންގެ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ސިޓީގެ ދެވަނަ ލަނޑަކީ ބަޔާންގެ ޑިފެންޑަރ އުޕަމެކާނޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސިޓީން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 70 ވަނަ މިނެޓުގައި ބަޔާންގެ އޭރިއާ ބޭރުން ބޯޅަ ހިފައިގެން ގްރީލިޝްގައިން ނައްޓާލުމަށް އުޕަމެކާނޯ މަސައްކަތްކުރި ނަމަވެސް ގްރީލިޝް ވަނީ އެ ބޯޅަ އަތުލައި ހާލަންޑަށް ޕާސް ކޮށްފައެވެ. ހާލަންޑް ބަޔާންގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ބާނާޑޯ ސިލްވާއެވެ.

ބަޔާންގެ ފަހަތުން އުޕަމެކާނޯގެ ފަރާތުން ގިނަ ގޯސްތަކެއް މިރޭ ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ކީޕަރ ސޮމާގެ ފަރާތުން ވެސް ބައެއް ގޯސްތައް ފެނިގެންދިޔަ ނަމަވެސް ސޮމާ ވަނީ ސިޓީގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ވެސް ހުއްޓުވާފައެވެ.

ސިޓީގެ ތިންވަނަ ލަނޑު ޖަހާފައި ވަނީ ހާލަންޑެވެ. މެޗުގެ 76 ވަނަ މިނެޓުގައި ހާލަންޑް މި ލަނޑު ޖަހާފައި ވަނީ ޖޯން ސްޓޯންސް ބޮލުން ބަޔާންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައަކުންނެވެ. މިއީ ހާލަންޑް މި ސީޒަންގައި ޖެހި 45 ވަނަ ލަނޑެވެ. މިއީ ވެސް ރެކޯޑެކެވެ. މިހާތަނަށް ޕްރިމިއާ ލީގުގެ އެއްވެސް ކުޅުންތެރިއަކަށް އެއް ސީޒަންގައި މި އަދަދަށް ލަނޑު ޖެހިފައިނުވެއެވެ.

ބަޔާންއަށް މާ ހުސް ފުރުޞަތެއް ހޯދިފައި ނުވި ނަމަވެސް، ބަޔާންގެ ސާނޭ ވަނީ ސިޓީގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ތިން ޝޮޓެއް ފޮނުވާލާފައެވެ. މި ހަމަލާތަކުގެ ހުރަހަކަށް ވީ ސިޓީގެ ކީޕަރެވެ.

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ ބަޔާންގެ ދަނޑުގައެވެ. ސެމީ ފައިނަލުން ބަޔާން ޖާގަ ހޯދަން ބޭނުންނަމަ ބަޔާންގެ ދަނޑުގައި ކުޅޭ މެޗުގައި ހަތަރު ލަނޑުގެ ތަފާތަކުން ސިޓީ ބަލިކުރަން ޖެހެއެވެ. ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާ ބުދަ ދުވަހުގެ ރޭ 00:00 ގައެވެ.