ކ. ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ޓީމު މަންފާ އިން ކާމިޔާބުކޮށްފިއެވެ.
މި މެޗު އެޓީމުން ކާމިޔާބުކުރީ ހިންމަފުށި ސްޕޯޓްސް އާއި ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ. ސެޓުތައް ގެންގޮސްފައި ވަނީ 20/25 ،25/22 ،12/25 ،20/25 އިންނެވެ.
ހިންމަފުށި ސްޕޯޓްސް ކުލަބާއި ލަންކާގެ ގައުމީ ޓީމްގެ މަހޭސް އަދި ކުޅަދާނަ ބީޗް ވޮލީ ކުޅުންތެރިޔާ މުޙައްމަދު އަލީ (ޑެންޒޯ) ހިމެނޭ ހުރާގެ ޓީމް މަންފާ ރޭ މި މެޗު ކުޅުނުއިރު، މި ރަމަޟާން މަހު މާލޭގައި ކުރިއަށްދިޔަ ބީޗް ވޮލީގެ ފައިނަލަށް ޑެންޒޯގެ ޓީމް ދަތުރުކޮށްފައިވާތީ، ހުރާގައި ރޭގެ މެޗުގައި ޑެންޒޯ ބައިވެރިވެފައެއް ނުވެއެވެ. އެއީ ބީޗު ވޮލީގެ ފައިނަލު މެޗުގެ ކުޅުން ވެސް މާލޭގައި ރޭ އޮތުމުންނެވެ.
އޭނާ ނެތްތަން ރޭގެ މެޗުން ވަރަށްބޮޑަށް ދައްކާފައިވާއިރު، ކޯޓުގެ ކުރިންވެސް އަދި ފަހަތުން ވެސް ހަމަލާ އުފައްދަން ޓީމް މަންފާގެ މަހޭޝް އަށް މަޖުބޫރުވުއެވެ. މި މެޗުގައި މަހޭޝް ރަނގަޅު ކުޅުމެއް ދެއްކިނަމަވިޔަސް އޭނާގެ ވަރުބަލިކަން ވެސް ފާހަގަކުރެވުނެވެ.

ހުރާ ކައުންސިލްގެ ރައީސް ޢީސާ އަޙުމަދު ޝަރަފުވެރި ކޮށްދެއްވި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްރީލަންކާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޓީމް މަންފާގެ ޖާރޒީ ނަންބަރ ހަތަރެއް މަހޭޝް އެވެ.
މިރޭ މި މުބާރާތުގެ ކުޅޭނީ އަންހެން ޑިވިޜަންގެ މެޗެކެވެ. ބައްދަލު ކުރާނީ ތުލުސްދޫގެ އަންހެން ޓީމާއި ހުރާގެ ޓީމް ބިއުޓީސް އެވެ.
މިރޭގެ 9:30 ގައި ފަށާ މިމެޗު ވެސް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!