އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު، ޓީމު ބުލެކް އީގަލްސް އިން ކާމިޔާބުކޮށްފިއެވެ.

ކ. ހުރާ، ހުއްރިޔާ ސްޕޯޓްސް ކުލަބުގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ އެޓީމާ ބައްދަލު ކުރީ ލަންކާގެ ޖޫނިއަރ ގައުމީ ޓީމްގެ ކުޅުންތެރިޔާ ޕަތުން ދިލްޝާން ގެ އިތުރުން ފާޒިލް އަދި ޔަންމާ ހިމެނޭ ހުރާގެ ޓީމް ތަންޑަރ ބޯލްޓެވެ.

Ad
rt

ސްރީލަންކާގެ ގައުމީ ޓީމުގެ އިސުރު އަދި ދީޕްތީ އިތުރުން ލަންކާގެ ގައުމީ ޓީމުގެ ތަޖުރިބާކާރު ކޯޗް ޗަންނަ ޖައެސޭކަރަ އިރުޝާދު ދެމުން އަންނަ ތުލުސްދޫގެ ޓީމް ބުލެކް އީގަލްސް އިން މި މެޗު ކާމިޔާބުކުރީ ތިން ސެޓު ދެސެޓުންނެވެ.

މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ޓީމު ތަންޑަރ ބޯލްޓުން ލީޑް ނަގައި، ޓީމް ބުލެކް އީގަލްސް ހާސްކަމުގެ ތެރެއަށް ވައްޓާލީ 20/25 އިން ކާމިޔާބު ކޮށްގެންނެވެ. މިސެޓްގައި ޓީމް ތަންޑަ ބޯލްޓްގެ ފާޒިލްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.

އެހެންނަމަވެސް ދެވަނަ ސެޓުގައި ބުލެކް އީގަލްސް ކުޅުން އިތުރަށް ރަނގަޅުކޮށް 22/25 ސެޓް ކާމިޔާބު ކުރިއިރު، ތިންވަނަ ސެޓްގައި ތަންޓަބޯލްޓް އިތުރަށް ކުޅުން ރަނގަޅުކޮށް، ދެފަހަރެއްގެ މަތިން ސެޓް ނިންމަން ވެސް ލިބުނެވެ. ނަމަވެސް ބުލެކް އީގަލްސް އިން ކުރިހޯދާ ފޯރިގަދަ ކުޅުމަކަށް ފަހު 27/29 ތިންވަނަ ސެޓް ކާމިޔާބު ކުރިއެވެ. ހަމަ މިސެޓްގައި ޓީމް ތަންޓަބޯލްޓްގެ ސެޓަރ ހުސްނީ އަނިޔާގެ ސަބަބުން ކުޅުމާވަކިވިއެވެ.

ހަތަރުވަނަ ސެޓު ފަށައިގެން ސެޓްގެ މެދަކާ ހިސާބުން ޓީމް ތަންޓަރ ބޯލްޓްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފާޒިލްވެސް ކުޅުމާ ވަކިވިއެވެ. ނަމަވެސް ޒުވާން ދެކުޅުންތެރިން އަރާ މިސެޓް ފަސޭހަކަމާއެކު 23/25 ތަންޓަރ ބޯލްޓް ކާމިޔާބު ކުރިއެވެ.

އެހެން ނަމަވެސް ފަސްވަނަ ސެޓަށް ދިޔައިރު ތަންޓަރ ބޯލްޓުގެ އެންމެ މުހިންމު ދެކުޅުންތެރިން ކުޅުމާ ވަކިވުމުގެ އަސަރު މުޅި ޓީމަށް ކުރިއެވެ. ފުރުސަތުގެ ބޭނުން ހިފައި ތަޖުރިބާކާރު ކޯޗުގެ އިރުޝާދާއެކު ފަސޭހަކާމާއެކު 8/15 ޓީމް ބުލެކް އީގަލްސް ކާމިޔާބު ކޮށް ސެމީފައިނަލާއި ގާތަށް ޖެހިލިއެވެ.

ރޭގެ މެޗުގައި ލަންކާގެ ކުޅުންތެރިޔާ ޓީމް ބުލެކް އީގަލްސްގެ ދީޕްތީގެ ކުޅުން ފަހަގަ ކުރެވުނުއިރު، ޓީމް ތަންޑަރ ބޯލްޓްގެ އަބްދު ﷲ ހަސަން (ޔަންމާ) ގެ ހިތްގައިމު ރިސީވުތައް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ރައީސް އަޙުމަދު ރިޒާ ޝަރަފުވެރި ކޮށްދެއްވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ބުލެކް އީގަލްސް ޖޯރޒީ ނަންބަރ 18 ދީޕްތީއެވެ.

މިރޭވެސް މި މުބާރާތުގެ ފިރިހެން ބައިގެ މެޗެއް އޮންނާނެއެވެ. ބައްދަލު ކުރާނީ ހިންމަފުށި ސްޕޯޓްސް އާއި ލަންކާގެ ގައުމީ ޓީމްގެ ކުޅުންތެރިޔާ މަހޭޝް އަދި ބީޗް ވޮލީ ކުޅުންތެރިޔާ މުޙައްމަދު ޢަލީ (ޑެންޒޯ) ހިމެނޭ ހުރާގެ ޓީމް މަންފާއެވެ.

މިމެޗް ފެށޭނީ މިރޭގެ 9:30 ގައެވެ. މިމެޗް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.