ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މާރިޗް 29 އަދި 31 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

Ad
rt

މިގޮތުން މާރިޗް 29 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ދެ ޕެކޭޖެއްގެ ތެރޭގައި ހުރި 6 ދަޅަކުންނާއި މާރިޗް 31 ވަނަދުވަހު ބަލާ ފާސްކުރެވުނު ޕެކޭޖެއްގެ ތެރޭގައި ހުރި ހަތަރު ދަޅަކުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1800 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 3,240,000.00 (ތިން މިލިއަން ދެ ލައްކަ ސާޅީސްހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައި ކަމަށެވެ.