ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި، ދެ ޤައުމުން ގެންގުޅޭ އެއްކަހަލަ ޤަބޫލުކުރުންތަކާއި އުޞޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ދެ ޤައުމުގެ މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވެއެވެ.
މިގޮތުން ދެޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ޤާއިމްކުރުމާއި، ފަތުރުވެރިކަމާއި ސަޤާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ތަމްރީނާއި ތަޢުލީމްގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ވެސް މަޝްވަރާކުރެއްވެވިއެވެ.
ހަމަ އެއާއެކު ދެ ޤައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމް.އޯ.ޔޫތައް އަވަހަށް ނިންމުމަށްވެސް މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން މަޝްވަރާކުރެއްވެވި އެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ޕާކިސްތާނުގެ ސަފީރުގެ އަރިހުން މިދިޔަ އަހަރު އެޤައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ޙާލަތު އޮޅުންފިލުއްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވެވިއެވެ.
ރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!