އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ. މިރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

ޗެލްސީގެ ނަތީޖާތައް ބޮޑުތަނުން ދައްވުމާއި ގުޅިގެން އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ވަކިކުރުމަށް ފަހު ޗެލްސީން މި ސީޒަންގެ ނިޔަލަށް ކޯޗެއްގެ ގޮތުގައި ލަމްޕާޑް ހަމަޖައްސާފައި ވަނީ ދާދި ފަހުންނެވެ. މިރޭ ވުލްވްސްއާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗަކީ ލަމްޕާޑް ހަވާލުވެ އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު ފުރަތަމަ މެޗެވެ.

Ad
rt

ލަމްޕާޑް ވަނީ 2019 ވަނަ އަހަރުން ފެށިގެން 2021 އާއި ހަމައަށް ވެސް ޗެލްސީއަށް އިރުޝާދު ދީފައެވެ. އޭރުވެސް ލަމްޕާޑް ޗެލްސީގެ ކޯޗުކަމުން ވަކިކުރީ ބޭނުންވާވަރުގެ ނަތީޖާއެއް ނުނެރެވުމާއި ގުޅިގެންނެވެ.

މި ސީޒަން ޗެލްސީ ފަށާފައި ވަނީ ޓުޗެލްގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް ޗެލްސީގެ ވެރިޔާ އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ ވަނީ އޭނާ އެ ކުލަބް ގަތްތާ ތިން މަސްދުވަސް ފަހުން ޓުޗެލް އެ ޓީމްގެ ކޯޗްކަމުން ވަކިކޮށްފައެވެ. އައު ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ ގްރަހަމް ޕޮޓާއެވެ. ލަމްޕާޑަކީ މި ސީޒަންގައި ޗެލްސީއަށް އިރުޝާދުދޭ ތިންވަނަ ކޯޗެވެ.

މިރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެތިއަސް ނުނޭސްއެވެ.

މިރޭ ވުލްވްސް އަތުން ބަލިވި ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 30 މެޗުން 39 ޕޮއިންޓެވެ. މިވަގުތު ޗެލްސީއާއި ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެމެދު 17 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ވުމާއިއެކު ޗެލްސީއަށް އަންނަ ސީޒަންގައި ޔޫރަޕުގެ މުބާރާތަކުން ޖާގަ ހޯދުމުގެ ފުރުޞަތު މިހާރު ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ.