ދަރިންގެ މައްޗަށް މައިން ނުވާނެ ގުރުބާނީއެއް ނޯންނާނެއެވެ. އެއީ ތަކުލީފުތަކުން ފުރިގެންވާ ޤުރުބާނީއަކަށް ވީ ނަމަވެސް މެއެވެ. ދަރިންގެ މައްޗަށް މައިންބަފައިންގެ ހިތުގައި އޮންނަ ކުލުނަކީ އެހާވެސް ހާއްސަ އެހާމެ ބާރުގަދަ ގުޅުމެކެވެ.

ހއ.ބާރަށު އިސާމާއާއި މުޙައްމަދު ޠާހާގެ ފަރާތުން ވެސް ފެންނަން އޮތީ އެކަމެވެ. ދެ މީހުންގެ ތިންވަނަ ދަރިފުޅު ނާފް މުޙައްމަދު ޠާހާ އުފަންވެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނާފް އުފަންކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ސިޒޭރިއަން ހެދުމުގެ ތެރޭ ވަނީ ސޮޓޯކެއްޖެހި ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން އެމަޖެންސީގައި ފަރުވާދޭން ޖެހިފައެވެ.

Ad
rt

ނާފްގެ ހާލަތު ގޯސްވުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުން ނާފް ފުރަތަމަ ބަދަލުކުރީ އައިޖީއެމްގެ އައިސީޔޫއަށެވެ. އެއަށްފަހު އިތުރު ފަރުވާއަށް ނާފް ގެންދިޔައީ އިންޑިޔާއަށެވެ. އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލުގެ އައިސީޔޫގައި ނާފްއަށް ވަނީ ގާތްގަނޑަކަށް އެއް މަސްދުވަހު ފަރުވާ ދީފައެވެ.

ނާފްގެ އުމުރުން މިހާތަނަށް ފާއިތުވެގެން ދިޔަ އަހަރެއްހާ ދުވަހު ވެސް ނާފް ހޭދަކުރީ އެކި ހޮސްޕިޓަލްތަކުގެ އައިސީޔޫގައި ފަރުވާގައެވެ. ނަމަވެސް ނާފްގެ ހާލަތައް މިއަދާ ހިސާބަށް ވެސް މާ ބޮޑު ބަދަލެއް އައިސްފައި ނުވެއެވެ. މާބޮޑު ހަރަކާތެއް ނުކުރެވެއެވެ. އެއްޗެއް ނުކެވެއެވެ. ނުތެދުވެވެއެވެ. މީގެ އިތުރުން ގިނައިން ހޮޑުލެވުންފަދަ އެތައް ސިއްހީ މައްސަލަތަކެއް ނާފްއަށް އަންނަނީ ކުރިމަތިވަމުންނެވެ.

އައިސީޔޫގައި ނާފްއަށް ފަރުވާދެމުން އަންނައިރު، ހަށިގަނޑުން ލޭ މަދުވެ ލޭ އަޅަންޖެހޭ ފަހަރުވެސް އާދެއެވެ. މިގޮތުން މިހާރު ދެފަހަރެއްގެ މަތިން ނާފްގެ ހަށިގަނޑަށް ވަނީ ލޭވެސް އަޅާފައެވެ.

ނާފްގެ އުމުރުން އަހަރަކަށްވުރެ ގިނަވެފައިވާއިރު ނާފްއަށް ބޭނުންވާ ކާނާއާއި ކިރުދީ ހަދަނީ ބަނޑަށް ލައްވާފައިވާ ހޮޅީގެ ޖަރިއްޔާއިންނެވެ. ބަނޑަށް ލައްވާފައިވާ ހޮޅިޔަކީ ވެސް ހަމަހުން ބަދަލުކުރަން ޖެހޭ އެއްޗެކެވެ.

ނާފްގެ ހާލަތު ދާދިފަހުން އިތުރަށް ގޯސްވުމުން ހެދި ޓެސްޓްތަކުން ނާފް ވަނީ ނިއުމޯނިއާއަށް ޕޮޒިޓިވްވެފައެވެ. ވުމާއެކު މިހާރު އައިޖީއެމްއެޗްގެ އައިސީޔޫގައި ނާފް ފަރުވާ ހޯދަމުން އަންނަނީ ނިއުމޯނިއާއަށެވެ.

އެ އާއިލާއިން ބޭނުންވަނީ ދަރިފުޅުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު ފަރުވާއަށް ވީހާވެސް އަވަހަށް އިންޑިޔާއަށް ފުރައިގެން ދިޔުމަށެވެ. ނަމަވެސް ފާއިތު އަހަރަކަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ފަރުވާގައި ހޭދަކުރަން ޖެހުމުގެ ސަބަބުން އާއިލާގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދައްވެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

ވުމާއެކު އެ އާއިލާއިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް : މުޙައްމަދު ޠާހާ (ކުއްޖާގެ ބައްޕަ) ފޯން: 7996005

އހީތެރިކަން ފޯރުކޮށްދެއްވުމަށް

އެކައުންޓް ނަމްބަރ (ރުފިޔާ): 7730000513870

އެކައުންޓް ނަމްބަރު (ޑޮލަރ) : 7730000215982