އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް “މޫލީ” އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ހިލޭ ތަރުކާރީ އާއި މޭވޭ ޑެލިވަރީކުރުމުގެ ހިދުމަތް ފަށައިފިއެވެ.
އުރީދޫއިން ބުނީ މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ގެ ނަމުގައި އިތުރު ކެޓަގަރީއެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި މޫލީގެ އެ ކެޓަގަރީއަކީ މި ރޯދަ މަހު ގޭގައި ތިބެގެން ލޯކަލް މާރުކޭޓުން ލިބޭ ތާޒާ މޭވާ އާއި ތަރުކާރީ އޮންލައިންކޮށް ގަނެ، ގެއާ ހަމައަށް މުޅިން ހިލޭ ލިބުމުގެ ފަސޭހަ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ތައާރަފުކުރި ކެޓަގަރީއެއް ކަމަށެވެ.
މޫލީ މާކެޓަކީ މި ރަމަޟާން މަހު ފިހާރަތަކާއި މާރުކޭޓުތަކުގައި ކިޔޫގައި ނުޖެހި ބާޒާރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ޕްލެޓްފޯމަކަށްވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެގޮތުން، މޫލީ މެދުވެރިކޮށް ލިބެން ހުންނަ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ލުނބޯ، ފިޔާ، ހިކަނދިފަތް، ކެބެޖް، އަލަނާސި، ބަރަބޯ އިނގުރު، ފެހި މިރުސް ހިމެނެވެ.
އުރީދޫ އިން ބުނީ މޫލީ މާކެޓުގައި ލިބެން ހުރި ތަރުކާރީ އާއި މޭވާ ހޯދަނީ ލޯކަލް މާރުކޭޓްގައި ވެސް ވިޔަފާރި ކުރާ ފަރާތްތައް ކަމަށްވާ ހެބިޓަސް ފްރެޝް އަދި އެގްރިޒާ މޯލްޑިވްސް ފަދަ ވިޔަފާރިތަކުން ކަމަށެވެ. އަދި މާލޭގެ މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ލިބެން ހުރި ހެޔޮ އަގުގައި މޫލީ މެދުވެރިކޮށް ވިޔަފާރި ކުރެވޭ އިރު، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގްރޭޓާ މާލެ ތެރޭގައި ގެއާއި ހަމައަށް މުޅިން ހިލޭ ޑެލިވަރީގެ ހިދުމަތް ލިބުމަކީ ކަސްޓަމަރުންނަށް ލިބިގެންދާ އިތުރު ލުޔެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ކަސްޓަމަރުންނަށް ކިޔޫގައި ނުޖެހި ކޮންމެތަނަކުންވެސް ފަސޭހަކަމާ އެކު ބާޒާރުކޮށްލުމުގެ ތަޖުރިބާއެއް ހޯދައިދިނުމުގެ ވިސްނުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފުކުރުމަކީ ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށާއި ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ތަސައްވުރާ އެއްގޮތުގެ މަތިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރެވުނު ހިދުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫ އިން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫން ބުނީ ލޯކަލް މާރުކޭޓުގެ ވިޔަފާރިތަކަށް، އެ ވިޔަފާރިތަކުގެ މުދާ މޫލީގައި ލިސްޓު ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށާއި މޫލީ މާކެޓާ ގުޅެން ބޭނުންވާ ވިޔަފާރިތަކުން care@moolee.mv މެދުވެރިކޮށް އިތުރު މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.
މޫލީ މާކެޓް މެދުވެރިކޮށް ވިޔަފާރިކުރުމަށް http://ore.do/markettodoorstep ޒިޔާރަތްކޮށް އޯޑަރު ކުރެވޭނެއެޗެ.
ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރުސަތު އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!