މިއަހަރު ނިމޭއިރު ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު އާރުޓީއެލް އިން ގުޅާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަން އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ގއ. ގދ. ފުވައުލައް ސިޓީ އަދި އައްޑޫ ސިޓީ އާރުޓީއެލް ފެރީ ނިޒާމުގެ ދަށުން ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.
އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު އާރުޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފުރަތަމަ ފެރީ ނިންމުމަށް ފަހު މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެގޮތުން، ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ޖުމްލަ 6 ފެރީ ބޭނުންކުރާނެއެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި އަންނަ ޖުލައި މަހަށް ހުރިހާ ފެރީތަކެއް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރުގެ މެދުތެރޭގައި ހިދުމަތް ފެށާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
6 ޒޯނަކަށް ބަހާލައިގެން އާރްޓީއެލް ފެރީގެ ހިދުމަތް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުން ދާއިރު މުޅި މަޝްރޫއު ނިމޭއިރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ 82 އުޅަނދާއި 188 ފެރީ ޓާމިނަލް ހުންނާނެއެވެ.
މިހާރުވެސް ހަތަރު އަތޮޅަކަށް އާރްޓީއެލް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. އެގޮތުން ހއ އަތޮޅާއި ހދ އަތޮޅާއި ށ އަދި ޅ އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށް ހިމެނެއެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އާރުޓީއެލް ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމަކީ ސަރުކާރުގެ އަމާޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!