ކުނި ނެގުމުގެ ފީ، ކަރަންޓު ބިލުގައި ހިމަނާފައިވާތީ މައުލޫމާތު ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މައުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

Ad
rt

މި މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެމުންގެންދާ ހިދުމަތް އަންނަ މަހުން ފެށިގެން ހުއްޓާލާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

"އިންފޮމޭޝަން އަޕްޑޭޓް ފޯމް" ހުށަހެޅުމާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 1666 ގުޅުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ހިމަނަން ވެމްކޯއިން ފަށައިފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމާފައިވަނީ ވެމްކޯއިން ހޯދާ ބައެއް ހިދުމަތްތަކަށް ބައެއް ފަރާތްތަކުން ފައިސާ ނުދައްކާތީއެވެ. މީގެ ސަބަބުން އެ ކުންފުންޏަަށް ގެއްލުންވެ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

ވެމްކޯއަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނިން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓުތައް އެކަށީގެންވާ ވަރަށް މަރާމާތު ނުކުރެވޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.