"ފަހި ރާސްތާ" ގެ ނަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮގްރާމްތަކެއް ފަށާފައިވާ ކަމަށް ބުނެފިއެވެ.
އެކަން ހާމަކުރެއްވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަސްލަހު އެވެ.
އޭނާ ވިދާޅުވީ މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް "ރައްކާ" ކެމްޕޭނުގެ ދަށުން، މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
"މިކެމްޕޭނުގެ ދަށުން ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރިޔަށްގެންދާ ޓޮރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކާއި މަގުމަތީގެ ގަވާއިދުތައް ދަރިވަރުންނަށް އުނގަންނާދިނުމަށް ބޭއްވޭ ޕްރޮގްރާމެއް." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ކެމްޕޭނުގެ ދަށުން އަލަށް ނުކުންނަ ޓެކްސީ ޑްރައިވަރުންނަށް ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިޔަށްދާނެ ކަމަށެވެ.
ހަފުތާއަކު ދެ ދުވަހަކަށް ބަހާލައިގެން މަގުމަތީގައި އެންމެ ބާރު ބޮޑު ސަރަހައްދެއް ބަލައި، ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް ކުރިޔަށްގެންދާ މި ޕްރޮގްރާމްތައް މިހައިތަނަށް ކުރިޔަށްގެންދެވިފައިވަނީ ހަމަ އެކަނި ހަވީރުގެ ވަގުތުތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހުންނަށް މި ރަމަޟާން މަހު ހަދިޔާދެމުންދާ ކަމަށާއި ގިނަ ބަޔަކު ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅަނދުގައި ހުރިހާ ސްޓިކަރތަކެއް ހަމަކޮށްފައި ހުންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.
"ފަހި ރާސްތާ" ގެ މައިގަނޑު މަގްސަދަކީ މަގުމަތީގައި ހިންގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް، އެކަމުގެެ ސަބަބުން ފުރާނަދޫކުރާ ފަރާތްތަކާއި ބޮޑެތި އަނިޔާތައް ލިބޭ ފަރާތްތައް ރާއްޖޭގައި މަދުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!