ކާށި ލިބުން ދަތިވާ މައްސަލަ ހައްލުކުރުމަށް 5000 ރުއް ރާއްޖެ ގެނެސްފިއެވެ.

އެކަން ހާމަކުރެއްވީ ރާއްޖޭގެ ރުށްތަކަށް ޖެހިފައިވާ ބަލިތަކާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު އެވެ.

Ad
rt

ވަޒީރު ވިދާޅުވީ ރާއްޖޭގެ ރުށްތަކަށް ބައްޔެއް ޖެހިފައިވާތީ ކުރުނބާ އަދި ކާށި ލިބުން ދަތިވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް 5،000 ރުށް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި މި ރުއްތައް ހުރިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ރުއްތައް މިހާރު ހުރީ ކަރަންޓީނުކޮށްފައި ކަމަށެވެ.

މީގެ އިތުރުން ރުއްގަހަށް ޖެހޭ ބަލިތައް ދެނެގަނެ، އެ ބަލިތައް ނައްތާލުމަށް ކުރަންޖެހޭ ކަންކަމުގައި އާންމު ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެހެން ނޫންނަމަ ދިވެހިން ބޭނުންވާ މިންވަރަށް ރާއްޖެއިން ކާށި ނުލިބި އަބަދު ރާއްޖެއަށް ކާށި އެތެރެކުރަންޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މިރުށްތައް އެކި ރަށްތަކަށް ބަހާލުމަށް ނިންމާފައިވާ ކަމަށާއި ރުއްތައް ބަހާލުމުގެ ކުރިން އެއްވެސް ބައްޔެއް ހުރިތޯ ބަލާނެ ކަމަށެވެ.

ތަޖުރިބާކާރު ބޭފުޅުން ވިދާޅުވަމުންދާ ގޮތުގައި ރާއްޖޭގެ ރުށްތަކަށް ޖެހިފައިވަނީ ސޫޓީމޯލްޑް ކިޔާ ބައްޔެކެވެ.