މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާ، ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެންވަޔަރްމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

Ad
rt

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއާއެކު ގްރޭޓަރ މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ބޮޑު ބަދަލެއް އަންނާނެކަން ފާހަގަކުރައްވާ ޝަައުނާ ވިދާޅުވީ ސަބަބަކީ މިފަހަރު ތަރައްގީކުރާ ފެސިލިޓީގައި ކަމާއި ގުޅުންހުރި އިދާރާތަކުގެ އޮފީސްތައް ގާއިމުކޮށް މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށްދާނެތީ ކަމަށެވެ. އަދި ރަނގަޅު ނިޒާމެއްގެ ތެރެއިން މޮނީޓަރކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެންދާނެތީ ކަމަށެވެ.

މީގެ އިތުރުން މިމަޝްރޫއު މި ފެސިލިޓީއަކީ ތިލަފުށީގައި ގާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ ސެންޓަރުގެ އެއްބައި ކަމަށް ވެސް ވިދާޅުވިއެވެ.

"މިތަން އެއްކޮށް ނިމިގެން އަދި މިތަނުގައި ކުނި ނެގުމަށް ގާއިމުކޮށްދެވޭ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ޕިކަޕާއި އެހެނިހެން ވެހިކަލްތަކާއެކު މިތަން ފުރިހަމަވެގެންދާނީ." ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އެތަނުގައި ވެމްކޯގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާނެ އެޑްމިން އިމާރާތަކާއި، އެންވަޔަރަމަންޓްގެ ވޭސްޓް ޑިޕާޓްމަންޓާއި އީޕީއޭގެ އޮފީސް ގާއިމުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން ކުނި ތިލަފުއްޓަށް ގެންދާނީ ކޮންޓެއިނަރުތަކުގައި މޫދަށް ކުނި ނޭޅޭނެ ގޮތަށް ކަމަށާއި ބާޖުތަކަށް ކުނި އުކާލުމުގެ ބަދަލުގައި ވެއި ބްރިޖަކުން ކުނި ކިރާލުމަށްފަހު އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިންގ ޑެކުން ސީދާ ކޮންޓެއިނަރުތަކަށް ކުނި އެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.