ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުތަކަށް ދެއްވަމުން މިނިސްޓަރ ވިދާޅުވީ ގާނޫނާ ޚިލާފު ކަމެއް ވެސް އަދި ރައްޔިތުންނަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަަމަށެވެ.
މެމްބަރު ޝިޔާމް ސުވާލު ކުރައްވާފައިވަނީ ރާއްޖޭގައި ބޭރު ސިފައިން ތިބުމާ ދެކޮޅުހަދާ ދިވެހިންނަށް އިހާނެތިކޮށް ކަންކުރުމަކީ މިނިސްޓަރުގެ ހައިސިއްޔަތުން ތާއީދުކުރައްވާ ކަމެއްތޯ އާއި ސަލާމަތީ ބާރުތަކަށް ހިދުމަތްކުރައްވާ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ މިނިސްޓަރު މައާފަށް އެދެންޖެހޭ ކަމެއްކަމަށް ދެކެންތޯ އެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ މައުލޫމާތު ލިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ނުވުމަކީ ފެއިލްވުން ކަމަށް ޤަބޫލުކުރައްވަންތޯ ކަމަށެވެ.
މި ސުވާލުތަކަށް މާރިޔާ ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މެންބަރު ޝިޔާމްގެ ސުވާލުގައި ބުނާފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.
މާލޭގައި ބޮމެއް ގޮއްވައި، އެ މައުލޫމާތު ލިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުނުވުމަކީ ފެއިލްވުންކަމަށް ގަބޫލުނުކުރައްވަންތޯ ޝިޔާމް ކުރެއްވި ސުވާލަށް މިނިސްޓަރު މާރިޔާ ވިދާޅުވީ އެކަމަނާ ފެއިލްވި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން އެއްވެސް ވަޒީރަކު ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން މަޖިލީހުގެ އެއްވެސް މެންބަރަކަށް އެ ވަޒީރަކު ފެއިލްވީ ކަމަށް ގަބޫލުކުރެވޭނަމަ، އެ ވަޒީރަކަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު ގާނޫނު އަސާސީ އާއި ގާނޫނުން ލިބޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!