މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ބާއްވާނީ "ކޮންމެ ޤައުމަކާ ވެސް ސަލާންކޮށްލެވޭ" ހިސާބުގައި ކަމަށް އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ނުއިވޭ އަޑުތައް" ސިލްސިލާގެ ދެ ވަނަ އެޕިސޯޑްގައި ރޭ ވާހަކަދައްކަވަމުންނެވެ.

Ad
rt

މި މައުލޫއަށް ރޭ ނާޒިމް ދެއްކެވި ވާހަކާގައި ވިދާޅުވީ، މި ސަރުކާރުގައި ރާއްޖެ ދަނީ އިންޑިޔާގެ ދަށުވަމުން ކަމަށް އިދިކޮޅު ފަރާތްތަކުންނާއި، ޤައުމުގެ ކަންކަމާމެދު ގޮތްކިޔާ ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ. އަދި އެކަމަށް ދަލާލަތުކުރާ އެތައް ކަމެއް ރާއްޖޭން ފެންނަމުން ދާކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގޭ މަޝްރޫޢުތަކުގެ ބޮޑު ނިސްބަތެއް ދެވެނީ އިންޑިޔާގެ ކުންފުނިތަކަށް ކަމަށާއި، އަދި އިންޑިޔާގެ ސަފީރު އަންގަވާ ގޮތަކަށް ރާއްޖޭގެ ދާޚިލީ، އަދި އަމިއްލަވަންތައް އެތައް ކަމެއްގައި ޢަމަލުކުރާކަމަށް އެކަންކަން ދަންނަ މީހުން ފާހަގަކޮށް ބުނަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ޚާރިޖީ ސިޔާސަތު އޮންނަންވާނީ ބެލެންސްކޮށް ކަމަށެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތު ބައްޓަންވެގެންދާނީ "ކޮންމެ ޤައުމަކާވެސް ސަލާންކޮށްލެވޭ" ހިސާބުގައި އޮންނަ ގޮތަށްކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތު އެގޮތަށް ބައްޓަންކުރުމުން، ޤައުމުތަކާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރެވޭނެ ކަމަށާއި، އެގޮތުން، ރެކޯޑްނެތް ބިދޭސީން ފޮނުވާލުމާ، ސީރިއާގައި ޙާލުގައި ޖެހިފައިވާ ދިވެހިންގެ މައްސަލަ ޙައްލުކުރުން ފަދަ ކަންކަމަކީ ރަނގަޅު ޚާރިޖީ ސިޔާސަތެއް އޮވެގެން ކުރެވޭނެ ކަންތައްތައް ކަމުގައި ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.