މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއްގައި ބައިވެރި ނުވުމަށް އެމްއެންޕީ އިން ނިންމައިފިއެވެ.

އެ ޕާޓީން މިގޮތަށް ނިންމީ ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތާއި ގުޅޭގޮތުން އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހުއެވެ.

Ad
rt

މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެގޮތަށް ނިންމީ، ޖޭޕީގެ ހުށަހެޅުން އެމްއެންޕީ އަށް 3 އޭޕްރީލް ގައި ލިބުމުން، އެ ދައުވަތު ރަގަޅަށް ކިރާ ވަޒަންކުރުމަށްފަހު ކަމަށެވެ.

ޖުމްހޫރީ ޕާޓީއިން އެފަދަ ދައުވަތެއް ފޮނުއްވިކަމަށްޓަކައި އެޕާޓީއަށް ޝުކުރު ދަންނަވާ ކަމަށާއި ޖޭޕީން ހުށަހެޅި ފަދަ އެޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގައި އެމްއެންޕީ އިން ބައިވެރިވުމަކީ، ޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލެއް ކަަމަށް ވެސް ބުނެފައި ވެއެވެ. އަދި އެދައުވަތު ޤަބޫލުކުރުމަކީ މި ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން، އެހެން ޕާޓީއެއްގެ ފަހަތަށް މިރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީ އިން އެރުމަކީ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ ވިސްނުމާ ފުށުއަރާނެ ނިންމުމެއް ކަމަށް ވެސް ބުނެއެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީއަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުމުގެ ވިސްނުމެއް ނެރެގެން، ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރާ ޕާޓީއެއް. ޕާޓީގެ މިސްރާބު ކުރަހާފައިވަނީ އެދިމާއަށް. އަދި، ދިވެހިރާއްޖޭގެ ރިޔާސަތަށް ހޮވިއްޖެނަމަ ޕާޓީއިން މަސައްކަތް ކުރާނީވެސް އެކަންކަން ހާޞިލްކޮށް، ދިވެހިންނަށާއި ދިވެހިރާއްޖެއަށް ފަހިގޮތްތަކަށެވެ." އެމްއެންޕީ ގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ޕާޓީ އުފެއްދުމަށްފަހު މިހައިތަނަށް ކުރެވިފައިވާ މަސައްކަތުންނާއި، ރިޔާސީ އިންތިޚާބާ ގުޅިގެން ޕާޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެންނަމުންދާ ނަތީޖާއަށް ބަލާ، ޕާޓީއިން ޤަބޫލު ކުރަނީ ރައްޔިތުންގެ ތާއީދާއި އިތުބާރު ޕާޓީއަށް ލިބެމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.