ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލާ މުއްދަތު 14 ދުވަހަށް ބަދަލުކުރާ އިސްލާހު ބަލައިގަނެފިއެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.
މިހާރު ޤާނޫނުގައި އޮތް ގޮތުން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ލިބެނީ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެހެންނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން މިމުއްދަތު 14 ދުވަހަށް އިތުރު ކުރެވިގެންދާނެއެވެ.
އިންތިޚާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ފެށުމުގެ ކުރިން އެންމެ ލަސްވެގެން އޭޕްރީލް މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ގަވާއިދު ގެޒެޓުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު މެއި 2 ވަނަ ދުވަހު އާންމުކުރުމަށް ނިންމާފައިވާއިރު، ވޯޓު ލެވޭމީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
އީސީ އިން ބުނެފައިވަނީ އެމީހަކު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް 21 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި އެގޮތުން 16 ޖުލައިން 5 އޯގަސްޓާއި ހަމައަށް އެ ފުރުޞަތު އޮންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!