ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މަޖިލީހުން ރުހުން ދީފައިވަނީ ސީޝެލްސް، މޮރިޝަސް، ޤަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ފާއިޒް އަށާއި ކެނެޑާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު އެވެ.
މީގެ އިތުރުން އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ އަށް ވެސް ވަނީ ރުހުން ދީފައެވެ.
މި ތިން ބޭފުޅުންނަށް ވެސް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމާއި، ސަރުކާރާއި ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފައިވާ ޢަލީ ފާއިޒު ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޕޮލިސް ބޯޑުގެ ރައީސްކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.
ޢަބްދުލްޣަފޫރަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީގެ މަގާމާއި އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ފޮރިން މިނިސްޓްރީގެ އިސް މަޤާމުތައް ވެސް ފުރުއްވާފައި ވެއެވެ.
އާމިނަތު ޝަބީނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައެވެ. އޭނާއަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްލުކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!