ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝިދު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި އުވާލުމާއި ރެގިއުލޭޓްކޮށް މޮނިޓަރ ކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް އެދި ސަރުކާރަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވާހަކަދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކަށް ނުވަތަ މަސައްކަތްތަކަށް މީހުން އައްޔަން ކުރަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ހިމެނޭ މާއްދާ) ގެ ދަށުން ނޫން ކަމަށެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތަކަށް، މީހުން އައްޔަންކުރުމާއި އެ މަގާމުތަކުން މީހުން ވަކިކުރުމާއި އެ މީހުންގެ އިސްތިއުފާ ގަބޫލުކުރުމަކީ ބާރުތަކާއި މަސްއޫލިއްޔަތުތައް ހިމެނޭ ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެބޭފުޅުންގެ ވިސްނުންވެސް އަދި އެ ކުންފުނިތަކުގެ މިސްރާބުވެސް އެއީ ސަރުކާރުގެ ސިޔާސީވެރިންގެ ޒާތުފުޅާ ނުވަތަ އެ ބޭފުޅުންގެ ތަބީއަތްތަކާއި އެދިވަޑައިގަންނަވާ ގޮތްތަކާއި ހިތްޕުޅާ ގުޅިފައި ހުންނަންޖެހޭ ކަންކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އިސްލާހި ކަންކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާ ގުޅޭ ގޮތުން އިތުރު އިސްލާހުތަކެއް ގެނައުމަކީ މި ވަގުތަށް ބޭނުންތެރިކަމެއް ކަމަށެވެ.
މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ބޮޑެތި ދަރަނި އޮތްއިރުވެސް، އެ ކުންފުނިތަކުން ބޮޑެތި ހަރަދުތައް ކުރާ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ހަމަޖެއްސުމަށާއި ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުގެ ބަޖެޓުން ރައްޔިތުންގެ ފައިސާ އިން ހަަރަދުކުރާ މިންވަރު އިންތިހާއަށް ބޮޑު ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!