ޔޫތު މިނިސްޓްރީގެ ބިމެއްގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލައިގެން މާލޭ ސިޓީ ކައުންސިލުން ވަން ގުދަނަކީ ޔޫތް މިނިސްޓްރީއާއި ހަވާލުކޮށްފައިވާ ތަނެއްކަން ސާފުކޮށް އެނގޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ 355 ނަންބަރު ކޮށްޓަކީ ކުޅިވަރު ބޭނުމަށް ދޫކޮށްފައިވާ ބިމެއް ކަމަށް ކަނޑައަޅާ މެއި 15، 2019 ވަނަ އަހަރު ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އަދި އެ ލިޔުން ދޫކޮށްފައި ވަނީ ޕްލޭނިންގ މިނިސްޓްރީން ކަމަށެވެ.
އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް ނޮވެމްބަރު 27، 2019 ގައި ޕްލޭނިންގ މިނިސްޓްރީން ޔޫތު މިނިސްޓްރީ އަށް ދީފައިވާ ކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ބިން ޕްލޭނިންގ މިނިސްޓްރީން ޔޫތް މިނިސްޓްރީ އާއި ހަވާލު ކުރިކަން އަންގައި މޭ 15، 2019 ގައި ފޮނުވި ސިޓީ އެ ބަޔާނާއެކު ޔޫތު މިނިސްޓްރީން އާންމުކޮށްފައިވާއިރު، އެ ބިމުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ ފުޓްސަލް ދަނޑަކާއި ހޭންޑް ބޯލް ދަނޑަކާއި ތިން ވޮލީ ކޯޓު ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ޔޫތް މިނިސްޓްރީން ވަނީ ޕްލޭނިން މިނިސްޓްރީން ބިން ހަވާލުކުރި ކަމުގެ ސިޓީގެ އިތުރުން، އެ ބިމުގައި ހަދަން ނިންމާފައިވާ ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު އެކި ތާރީހުތަކުގައި ބަދަލުކޮށްފައިވާ ސިޓީތައް ވެސް އާންމު ކޮށްފައެވެ.
އޭގެތެރޭގައި އެބިމުގައި ހަދާ ވޮލީ އިމާރާތުގެ ޑީޓެއިލް ޑްރޯވިންގ ސެޓް ފާސްކޮށްދިނުމަށް އެދި ޖަނަވަނީ 20، 2022 ގައި ސިޓީ ކައުންސިލަށް ޔޫތު މިނިސްޓްރީ އަށް ފޮނުވި ސިޓީ އާންމުކޮށް އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް އަދި އެ ބިން ޔޫތު މިނިސްޓްރީއާ ހަވާލުކުރި ކަމުގެ ލިޔުން ވެސް ސިޓީ ކައުންސިލަށް ފޮނުވިކަން އެ ސިޓީން ހާމަވެއެވެ.
ޔޫތް މިނިސްޓްރީން ބުނީ، 2019 ވަނަ އަހަރުން ފެށިގެން ހިންގާފައިވާ މުއާމަލާތްތަކުން ވެސް އެ ބިމަކީ ޔޫތް މިނިސްޓްރީގެ ބިމެއް ކަން ސާފުކޮށް އެނގެން އެބައޮތް ކަމަށާއި ތަޅު ހަލާކޮށްލާ ތަކެތި ނެރެ އެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!