ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ސާލިހު، މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ރުހުން ދީފިއެވެ.

މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް، އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓެއް ވަނީ ހަދާފައެވެ. އަދި ކޮމިޓީން ވަނީ އެ ބޭފުޅުންނާ އިންޓަވިއު ވެސް ކޮށްފައެވެ.

Ad
rt

އެކަންކަން ބެލުމަށްފަހު، ނެގި ވޯޓުން ބްރޯޑްކޮމަށް އައްޔަންކުރަން މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު 5143 އަދި ސޮފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫ އެވެ.

މި ދެ ބޭފުޅުންނަށް ވެސް ކޮމެޓީގެ ރުހުން ލިބިފައިވަނީ އެ ވަގުތު ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.

އެ ދެބޭފުޅުންގެ ތެރެއިން ބްރޯޑްކޮމަށް އައްޔަންކުރާނެ މެންބަރެއްގެ ނަން ފާސްކުރާނީ މަޖިލިސް ތަޅުމުންނެވެ.

ބްރޯޑްކޮމް އަށް މެމްބަރަކު އައްޔަން މިކުރަނީ މެމްބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު މިދިޔަ މަހުގެ 15 ގެ ނިޔަލަށް ހަމަވާތީ އެވެ.

މަޖިލީހުގެ ކޮމެޓީން ރުހުން ލިބުނު ދެ ބޭފުޅުންގެ އިތުރުން ރައީސް ފޮނުއްވާފައިވާ އަނެއް ދެ ނަމަކީ ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ އާދި ހުސައިން އަމްރު، ވ. ރޯޝަން އެވެ.