އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއު ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މޯލްޑްވިސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކުއެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ވެސް ބައިވެރިވެލެއްވިއެވެ.
މި މަޝްރޫއަކީ ޗައިނާގެ ބޭންކަކުން އެމްއެފްއެމްސީއަށް ނަގާފައިވާ 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ފައިނޭންސިން ފެސިލިޓީއެއްގެ ކުރިއަށްގެންދާ މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ގަރާރަކުން ސަރުކާރުގެ ޓުއަރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައަޅުއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވެއެވެ.
އެމްއެފްއެމްސީން ބުނެފައިވާ ގޮތުގައި އެ ހަންކެޑެ ޓޫރިޒަމް ޑެވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން 2082 އެނދު ހިމެނޭގޮތަށް 1،041 ކޮޓަރި ތަރައްގީ ކުރާނެއެވެ. މި ޕްރޮޖެކްޓުގެ ދަށުން ތައާރަފު ކުރާ ތަފާތު ގިންތީގެ ހޮޓަލުތަކުގެ ތެރޭގައި ދެ ގްރޭންޑް، ދެ ޑީލަކްސް އަދި 10 ބުޓީކް ހޮޓެލް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި 64 ސާވިސްޑް އެޕާޓްމެންޓްތަކުގެ އިތުރުން 17 ބީޗް ވިލާވެސް މި ޒަމާނީ މަޝްރޫއުގެ ތެރޭގައި ހިމެނޭނެ ކަމަށް އެމްއެފްއެމްސީން ބުންޏެވެ.
މީގެ އިތުރުން، މ ޕްރޮޖެކްޓަކީ ނޮލެޖް ސެންޓަ، މިކްސްޑް ސްޕޯޓް ބިލްޑިން، އައުޓްޑޯ ބީޗް ސްޕޯޓްސް އަދ ތިއޭޓަ ފަދަ ރެކްރިއޭޝަނަލް ހިދުމަތްތަކާއި ފުޑް ކޯޓާއި ތަފާތު ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށް ވެސް ބުންޏެވެ.
ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް ސިންދަފާތުކޮށް، އިންގިލާބީ ބަދަލުތަކެއް އަންނާ ކަމަށް ވެސް އެ ކުންފުނިން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!