ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ އެގްރޯނެޓްގެ މެނެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު މަގާމުން ވަކިކޮށްފިއެވެ.
އެގްރޯނެޓަކީ ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާ އޮންނަ, މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އެގްރޯ ނެޓްގެ އެމްޑީގެ މަގާމަށް ހާރޫން އައްޔަނު ކުރައްވާފައިވަނި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމް ވެސް ފުރުއްވި ހާރޫނަކީ އެސްއެޗްއާރު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި އެންޓްރެކް މޯލްޑިވްސްގެ މެނޭޖަރުގެ މަގާމުވެސް ފުރުއްވާފައިވާ ފަރާތެކެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި ހާރޫން އެގްރޯނެޓުން ވަކިކޮށް، މިހާރު ވަނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ މަގާމަކަށް ހަމަޖައްސާފައެވެ. ނަމަވެސް އޭނާ ހަމަޖެއްސި މަގާމެއް އަދި ސާފެއް ނުވެއެވެ.
މީގެ އިތުރުން ނިމިގެން ދިޔަ ދެ މަޖްލިސް އިންތިހާބުގައިވެސް ގއ. ވިލިނގިލީ ދާއިރާގެ މެމްބަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހާރޫން މަގާމުން ވަކިކޮށްފައިމިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ބައެއް ފަރާތްތައް މަގާމުން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ކުރީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް މިފަހަކަށް އައިސް ދަނީ މަގާމުން ވަކިކުރަމުންނެވެ.
އެގޮތުން 'ފިކުރެއްގެ ދިރުން' ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު، ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކި ކުރައްވާފައިވާއިރު، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަޤާމުގައި ލަބީޤް މުހައްމަދު މާހިދު ވެސް މަގާމުން ވަކިކޮށްފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!