މ. މުލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 35 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.

Ad
rt

މީގެ އިތުރުން، ސައިޓުގައި މިހާރު ކުރިއަށްދަނީ ހާބަރ ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 33،888 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 6،254 އަކަ މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 465 މީޓަރުގެ ބޭރުތޮށި ލުމާއި، 89 މީޓަރު ސަރައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 497 މީޓަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި، 2،730 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމެންޓް އެޅުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 61.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.