ހެޔޮކަމުގެ މޫސުންތަކުގައި ހެޔޮކަމުގައި އުޅުމަށް ލިބޭ ފުރުސަތަކީ ކުޑަ، އެހާމެ އަގުބޮޑު ހިނދުކޮޅެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަންދާން ކޮށްދީފިއެވެ.

"މިއީ ހަޔާތުގެ އެންމެފަހު ރަމަޟާންމަހަށް ވެދާނެއެވެ." މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ އޭގެ އަގު ވަޒަން ކުރެވޭނީ އެ ފުރުސަތުން މަހްރޫމުވާނެ ވަގުތުކަމުގައިވާ މަރު އަހަރުމެންނާ ބައްދަލު ކުރުމުން ކަމަށެވެ.

Ad
rt

ޚުތުބާގައި ބުނީ އެހިނދު، ހެޔޮކަމުގެ ފުރުސަތަކަށް އެދި އިންސާނާ އާދޭސް ދަންނަވާނެ ކަމަށާއި އެދުވަހުން ތައުބާވެ، ނަމާދުކޮށް، ސަދަގާތްކޮށް، މީސްތަކުންނަށް ހެޔޮފޯރުވާން އޭނާ ކިތަންމެހައިވެސް ބޭނުންވާނެ ކަމަށް ވެސް ޚުތުބާގައި ވެއެވެ. އަދި ހެޔޮގޮތުގައި ރަމަޟާން މަހު ރޯދަ ހިފައި، ޤުރްއާން ކިޔަވައި، ރޭއަޅުކަންކޮށް، ލައިލަތުލްޤަދުރީގެ މަތިވެރި ޘަވާބު ހޯދަން އޭނާ ދަހިވާނެ ކަމަށެވެ.

އެހެންނަމަވެސް ވަގުތު އެވަނީ ފާއިތުވެފައި ކަމަށާއި އެދުވަހަކުން ކިތަންމެ ކުޑަހިނދުކޮޅެއްވެސް ނުދެވޭކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ނިދާއަށް އިޖާބަ ދިނުމަށާއި ޣާފިލުކަމުގެ ނިދިން ހޭލައި، ހެޔޮކަމުގެ މޫސުމާއި ކުރިމަތިލުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އިޚްލާސްތެރި ނިޔަތަކާއެކު ތައުބާވެ، ހަޔާތުގެ ހުންގާނު ސީދާ މިސްރާބަށް އަނބުރާލުމަށް ވެސް ނަސޭހަތްތެރިވެފައި ވެއެވެ.

ހަމަމިއާއެކު ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ، މައިންބަފައިންނަށް ހެޔޮކޮށް ހިތައި، އަނބިދަރީންގެ ހައްގުތައް އަދާކޮށް ރަމަޟާން މަހުގެ ތަރުބަވީ މަދުރަސާއިން ފިލާވަޅު ލިބިގަތުމަށް ވެސް ނަސޭހަތްތެރިވެފައި ވެއެވެ. އަދި ތިބާގެ ދުލާއި އަތުގެ ނުބައިކަމުން މީސްތަކުން ސަލާމަތްކޮށް ހުރިހައި ގުނަވަނަކުން ތެދުވެރިކަމާއެކު ރޯދަހިފާ ބަޔަކު ކަމުގައި ވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.