ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް, ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އެންގި އެވެ.

Ad
rt

އެ ނިންމުން އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ކުށްކޮށްގެން ހޯދި މުދަލެއް ދައުލަތަށް ނަގަން އަމުރެއް ކުރެވޭނީ އެ މައްސަލާގެ ހުކުމް ކުރާއިރު ކަމަށެވެ. އެކަމަކު ޔާމީންގެ މައްސަލާގައި ފައިސާ ދައްކަން އެންގީ ހުކުމްކުރި ފަހުން ނެރުނު އަމުރަކުން ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުން އެދިވަޑައިގަތީ 52 މިލިއަން ދައްކަން ނެރުނު އަމުރު ބާތިލްކޮށް ދިނުމަށާއި އަދި ކުށްކޮށްގެން ހޯދި ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެވޭނީ އަސްލު މައްސަލާގެ ހުކުމުގެ ތެރެއިން އެކަނި ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން ޔާމީންގެ ޖަލު ހުކުމާ މެދު އިސްތިއުނާފާ މެދު ގޮތެއް ނިންމުމުގެ ކުރިން، ފައިސާ ދެއްކުމުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.

ރައްދުގައި ދައުލަތުން ބުނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ނަގަން ޖެހޭނީ ކޮންމެހެން މައްސަލާގެ ހުކުމުގެ ތެރެއިން ނޫން ކަމަށެވެ. އަދި ހުކުމުގެ ފަހުން ވެސް އެފަދަ ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެވިދާނެ ކަމަށާއި އެކަމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި، ހުކުމުގެ ފަހުން އެފަދަ ފައިސާ ދައުލަތަށް ނުނެގޭނެ ކަމަށް ބަހުސްގެ ބޭނުމަށް ބެލިޔަސް، ޔާމީންގެ މައްސަލާގައި އަމަލުކުރި ގޮތް ގޯހެއް ނޫނެވެ. ސަބަބަކީ އިޖްރާއީ އުނިކަމެއް ފޫބައްދަން އެފަދަ އަމުރެއް ނެރުނަސް، ޔާމީންގެ މައްޗަށް އިއްވި ހުކުމަށް ޖަލު ހުކުމަށް އަސަރެއް ނުކުރާނެތީ އެވެ.

ދައުލަތުން ބުނީ ބައެއް އިޖްރާއީ ގޯސްތަކަކީ މުޅި ހުކުމަށް އަސަރު ނުކުރާނެ އަދި ފަހުން ރަނގަޅު ކުރެވިދާނެ ފަދަ އިޖްރާއާތުތަކެއް ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.

ދައުލަތުން އެދުނީ ފައިސާ ދައްކަން ޔާމީންގެ މައްޗަށް ނެރުނު އަމުރު ދަމަހައްޓައި ދިނުމަށެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ އެވެ.