މިހާރު ކުރިއަށްދާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ގްރޫޕް އޭގައި ސްޕެއިންއާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު ސްކޮޓްލެންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ސްކޮޓްލެންޑުން ސްޕެއިން ބަލިކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މިއީ ސްކޮޓްލެންޑަށް ތާރީޚީ މޮޅެކެވެ. މިއީ ފާއިތުވި 39 އަހަރުތެރޭ ސްކޮޓްލެންޑަށް ސްޕެއިންގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މިއީ ސްޕެއިންގެ އައު ކޯޗް ޑެ ލާ ފުއެންޓޭ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ސްޕެއިނުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 3-0 ގެ ނަތީޖާއިން ނޯވޭ ބަލިކޮށްފައެވެ. ނަމަވެސް ފުއެންޓޭގެ އިރުޝާދުދިން ދެވަނަ މެޗުން ސްޕެއިން މި ވަނީ ބަލިވެފައެވެ.
ރޭގެ މެޗުގައި ވެސް ތަރިއަކަށްވީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްކޮޓްލެންޑުންގެ މިޑްފީލްޑަރ މެކްޓޮމިނޭއެވެ. ރޭ ސްކޮޓްލެންޑުން ކާމިޔާބުކުރި ދެ ލަނޑު ޖަހާފައި ވަނީ އޭނާއެވެ. އެ ޓީމުން ކޮލިފައިންގައި މިދިޔަ ހުކުރު ދުވަހުގެ ރޭ 3-0 އިން ސައިޕްރަސް ބަލިކުރި މެޗުގައި ވެސް މެކްޓޮމިނޭ ވަނީ ދެ ލަނޑު ޖަހާފައެވެ.
ރޭގެ މެޗުގައި ސްކޮޓްލެންޑްގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ރޮބާޓްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މެކްޓޮމިނޭ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު އޭނާ ޖަހާފައި ވަނީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ.
މި ގްރޫޕްގައި ރޭ ނޯވޭއާއި ޖޯޖިއާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި ނަތީޖާތަކާއިއެކު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއިއެކު މިވަގުތު މި ގްރޫޕްގެ އެއްވަނާގައި އޮތީ ސްކޮޓްލެންޑެވެ. ދެވަނާގައި އޮތް ސްޕެއިން އަށް ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެއް ޕޮއިންޓާއިއެކު ތިންވަނާގައި ނޯވޭ އޮތްއިރު އެއް ޕޮއިންޓް ހޯދައިގެން ހަތަރުވަނާގައި އޮތީ ޖޯޖިއާއެވެ. ފުލުގައި އޮތް ސައިޕްރަސް އަށް އަދި ޕޮއިންޓެއް ލިބިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!