ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ރޭ 12:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާނެވެ.

Ad
rt

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑް އޮފިސަރުން އަދި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިދަ ނެގުމަށްފަހު، ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުޢާއެއް ކުރުން އޮތެވެ. ފުލުހުންގެ ޢަޒުމް އިސްވެ ވިދާޅުވެދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާއެވެ. ދުޢާ އިސްވެ ވިދާޅުވެދެއްވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ އަރީފެވެ.

މީގެ އިތުރުން އެހެން ރަށްރަށުގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ރޭވަނީ ބާއްވާފައެވެ. އެ ރަސްމިއްޔާތުތަކުގައި، އެ ރަށްރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.