1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު އައު ވެއްޖެ

ރާއްޖޭގައި ދެ ފަތުރުވެރިއަކު ޗުއްޓީ ހޭދަކޮށްލަނީ، ފޮޓޯ: ކަނޑޫމާ ރިސޯޓު
ރާއްޖޭގައި ދެ ފަތުރުވެރިއަކު ޗުއްޓީ ހޭދަކޮށްލަނީ، ފޮޓޯ: ކަނޑޫމާ ރިސޯޓު

ރާއްޖެއަށް މިއަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު އައު ވެއްޖެއެވެ.

އެގޮތުން މި މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބައިމިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 500597 ފަތުރުވެރިން އައިސްފައެވެ.

އެހެންކަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މި ކާމިޔާބީ ހޯދުމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތް ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، ކޮވިޑު-19 ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާމުމާއެކު ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.

އެގޮތުން އެވްރެޖު ގޮތެއްގައި ދުވާލަކު 6501 ފަތުރުވެރިން އަންނަކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ރަޝިއާ ކަމަށާއި މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 60590 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ތަފާސް ހިސާބުން ދައްކައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 52734 ފަތުރުވެރިން ވަނީ އައިސްފައެވެ.

މީގެ އިތުރުން 45545 ފަތުރުވެރިންނާއެކު ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ހަމަމިއާއެކު އިޓަލީ، ޖަރުމަން، ފްރާންސް، އެމެރިކާ، ޗައިނާ، ސުވިޒަލޭންޑު އަދި ޕޮލެންޑުން ވެސް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި