މެންދަމުން އަލިވެ ތިނެއް ޖެހި އިރުގައިވެސް އަހަންނަކަށް ނުނިދެއެވެ. ފުރޮޅި ފުރޮޅި އޮވެވުނީ އަދިވެސް ވިޔާމް ގެއަށް ނާންނާތީއެވެ. ޝަކުވާތައް ހިތުތެރެއިން ފުރިގެން ބަންޑުންވަނީއެވެ. ލޮލުތެރެއިން ކަރުނަތައް ފޫދިގެން ކޯތާފަތްމަތި ތެންމަނީއެވެ. ބަދަލެއް ނުވާ ދިގުދެމިގެންދާ ރޭތަކެވެ. މާޔޫސީ، އެކަނިވެރި ވަގުތުތަކެވެ. މިއީ ކޮންމެ ރެއެއްގެވެސް އަހަރެންގެ ޙާލެވެ.
މޫނުގައި ބާލީސް އަޅައިގެން ރޯން އޮއްވާ ވިޔާމް އައިސް ވަނެވެ. އޭނާ ވަނުމާއެކު މޫނުމަތިން ބާލީސްނަގާ، އެނދުމަތީ އިށީނދެލީމެވެ. ޝަކުވާކުރަން ބޭނުމެވެ. ނަމަވެސް ބިރުގަންނަނީއެވެ. ރުޅި އަންނަކަން ދައްކަން ބޭނުމެވެ. ނަމަވެސް ފަސްޖެހެވެނީއެވެ.
" ދެން ކޮންމެ ރެޔަކު ނުނިދާ ތި އިންނަނީޔޯ! ހަމަ އެނގޭނެ ކޮފީމޭޒަށް އަރާފަ އަވަހަކަށް ނާދެވޭނެކަން.."
ލައިގެން ހުރި އެއްޗެއްސާއެކު ވިޔާމް އެނދަށް ޖެހިގަތެވެ. އެއީ އަހަރެން އަބަދުވެސް ނުރުހުންވާ ކަމެކެވެ. އެކަމަކު އެހެންވެސް އަބަދު ކިޔާކަށް ނުކެރެއެވެ.
" ނި..ނިދި... ނައިސް...ގެން މީނީ.." ތުރުތުރުއަޅާ ރާގެއްގައި އަހަންނަށް ބުނެލެވުނެވެ. އަހަރެންގެ ޖުމްލަ ނުނިމެނީސް އޭނާ އަހަރެންގެ އަނގަމަތީގައި ހިފައިފިއެވެ.
" ބުނެފަ އޮންނާނީ މަގޭ ކުރިމަތީގައި ވާހަކަ ނުދައްކަން.." އޭނާ އަހަރެންގެ އަނމަތިން އަތް ދޫކޮށްލިއިރު އަނގައިގެ ތެރެއިން ލޭ އާދެއެވެ. ދަތްތަކާއެކު ކޯ ހެފުނީއެވެ. ވީތަދުން އަހަންނަށް އަނެއްކާވެސް ރޮވުނެވެ.
" އަނިޔާ ނުކުރިޔަސް ވިޔާއަށް ވާހަކަ ދެއްކިދާނެއެއްނު.." ދެރަވެލާފައި އަސަރާއެކު އަހަންނަށް ބުނެވުނީ އަތުން އަނގަމަތި ފޮހެމުންނެވެ. އަހަރެން އެހެން ބުނުމަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. ދެވަނަ ފަހަރަށް އަހަރެންގެ އިސްތަށިގަނޑުގައި ހިފާ، ފަހަތަށް ދަމައިގަތެވެ. އިސްތަށިގަނޑުގައި އެގޮތަށް ހިފާހިފާ، އިސްތަށިތަކުގެ ބުޑަށް ހުންނަނީ ދޮސްއަރާފައެވެ. ވާތަދުން ބޮލުގައި ފުނާޖައްސާލަން އަހަންނަށް ނުކެރެއެވެ.
" ވާހަކަ ދައްކައިގެން ކަލެއަކަށް އަޑެއް ނީވޭނެ! ކަލެއަށް އަޑު އިވޭނީ މިހެން... ދާންއުޅޭ މިތަނުން.. ނިކުމޭ ކޮޓަރިން! ކީއްކުރަން ނުނިދާ އޮތީ!"
ރަޙުމުކުޑަގޮތަކަށް އޭނާ އަހަރެން އެނދުން ވައްޓާލީ ކުޅޭކުޅޭ ބުދެއް ފަދައިންނެވެ. އަހަންނަށް ބާރަށް ރޮއިގަނެވުނީ ދެނެވެ. އަވަސް ޚަރަކާތްތަކާއެކު އޭނާ ތުނބަށް ސިނގިރޭޓެއް ޖަހާލުމަށްފަހު އަހަންނާދިމާލަށް ފުންމައިގަތެވެ.
" ނޫން.. އަހަންނަކަށް ނުކެރޭނެ ސިޓިންގރޫމުގައި ނިދާކަށް.. ނުކެރޭނެ ނިދާކަށް.. ހެޔޮނުވާނެ ވިޔާމް އަހަރެން ނުނެރޭ!" ދަމަމުން އޭނާ އަހަރެން ނެރުނެވެ. އަދި ސިނގިރޭޓުން އަހަރެންގެ އަތުގައި ޖައްސާ އަތް ފިއްސާލުމަށްފަހު ބުނެލިއެވެ.
" ދެން ހަނދާންވާނެއެއްނު އަހަރެން ރުޅި ނާރުވާ މައިތިރިވެގެން ހުންނަން..."
ވީތަދުން އަހަރެން ހޭވެރިކަންވަނީވެސް ހަމަ ކިރިޔާއެވެ. މެދުގޭތެރެއަށް އަހަރެން ވައްޓާލާފައި އެނބުރި ކޮޓަރިއަށްދަމުންވެސް އޭނާ ދިޔައީ ކޮޅުފައިން އަހަރެންގެ ބުރަކަށީގައި އެތިފަހަރެއް ޖަހާފައެވެ.
***
" އެއީ އަބަދުވެސް އޭނަގެ އާދަ! އޭނަ މުޅިންވެސް ވާހަކަ ދައްކާނީ އަތުންނާ ފައިން! އަނިޔާ ނުކޮށް އެއްވެސް އެއްޗެއް ނުބުނާނެ! އަހަންނަށް ދެން އިތުރަކަށް އެ ދިރިއުޅުމަކު ކެތެއް ނުވާނެ ދޮންބެދައްތާ! އަހަރެން ބޭނުންވަނީ ވަރިވާން! " އިރުއެރުމާއެކު އަހަރެން ނިކުމެގެން އައީ ދޮންބެ ގެއަށެވެ. އަލަތު ކައިވެނީގެ އަނިޔާވެރިކަން ދޮންބެދައްތައަށް އަހަރެން ކިޔައިދިނީމެވެ. އެދެމީހުންގެ އެދުމަކަށްވީ އަވަހަށް އަހަރެން އޭނާ ކިބައިން ސަލާމަތްވުމެވެ. އެފަދަ އަނިޔާވެރި ރަޙުމެއްނެތް މީހަކަށްޓަކައި ޢުމުރު ބޭކާރުކޮށް ނުލުމަށްއެދި އެމީހުން އަހަންނަށް ނަޞޭޙަތްދިނެވެ. އަހަރެން ކަންތައްކުރީވެސް އެހެންނެވެ. އަނބުރާ ވިޔާމްގެ ގެއަށް ނުދިޔުމުން އޭނާ އަހަރެން ވަރިކުރިއެވެ. އެއީ އަހަރެން އިންތިހާއަށް ދެރަވިދުވަހެކެވެ. އެއީ އަހަރެންގެ އަލަތު ލޯތްބެވެ.ކައިވެންޏަށްވީ ފަސް އަހަރު މި ހޭދަކުރީ އެއަނިޔާގައެވެ.އޭނާދެކެ އިންތިހާއަށްވީ ލޯބި، ބަދަލުވެގެން ދިޔައީ އެކަމުގެ ސަބަބުންނެވެ.
ވަރިވެގެން އަހަރެން މާލެ ބަދަލުވީ އާމްދަނީ ހޯދުމަށް މަސައްކަތެއް ހޯދާށެވެ. އަހަރެންގެ ފަރާތުން އެއްވެސް މީހަކަށް އުނދަގުލެއް ފޯރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަށް ވަޒީފާ ލިބުނީ އެމްޕީއެލް އޮފީހުންނެވެ. އެމާޙައުލުގައި އުޅެން ފެށުމުން، ކޮންމެވެސް ވަރަކަށް އަހަރެން ހަމައަކަށް އެޅެން ފެށުނެވެ. ގިނަ ރައްޓެހިންތަކެއް ލިބި އަނެއްކާވެސް އަހަރެންގެ ޙަޔާތް އުޖާލާވާން ފަށައިފިއެވެ.
އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ގެއަށް ނުދެވިފައި އަހަރެން އިނީ މަސައްކަތްތައް ނުނިންމިގެންނެވެ.
" އަދިވެސް ގެއަށް ނުދަނީތަ؟"
ކޮމްޕިޔުޓަރ ސްކްރީނަށް ބަލަހައްޓައިގެން އިންދާ އަހަރެން ސިއްސާލީ ޝާމްއެވެ. ޝާމް ފެނުމާއެކު އަހަންނަށް ބޭއިޙްތިޔާރުގައި އިސްތަށިތައް ރީތިކޮށްލެވުނެވެ. ވާނީވެސް އެހެންތާއެވެ. ޝާމްއަކީ މުޅި އޮފީހަށްވެސް ރީތިކަމަށް ނަން މަޝްހޫރުމީހެކެވެ. ފިޓް ގަމީސް ލައިގެން ހުންނައިރު އޭނާގެ ބިޔަ ވަރުގަދަ ހަށިގަނޑު ފެންނަލެއް ފުރިހަމައެވެ.
" ބިލްތައް ނުނިމިގެން.." އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ އަހަރެންގާތަށް އައެވެ.
" ދީބަލަ ހެލްޕެއް ވެދޭނަން..." ކޮމްޕިޔުޓަރަށް ބަލަހައްޓައިގެން ހުރެ އޭނާ ކުޑަކޮށް ގުދުވެލިއެވެ. އެއާއެކު އަހަންނަށް ބަލާލެވުނީ ޝާމްގެ މޫނަށެވެ. އަހަރެމެން ދެމީހުންގެ ގުޅުން ފެށުނީ އެހިސާބުންނެވެ. އޮފީސްވަގުތުގެ އިތުރުން ކޮފީތަކުންވެސް ބައްދަލްކުރަންފެށުނެވެ. އަހަރެން އުޅެނީ އެއްކޮޓަރީގެ އެޕާރޓްމަންޓެއްގައި ކަމުން އަހަރެންގެ ގެއަށްވެސް ޝާމް ބަރާބަރަށް އަންނަންފެށިއެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި ގުޅުމެއް އޮންނަކަމަށް އޮފީހުގައި އަޑު ފެތުރުމާއެކު ޝާމް ބޭނުންވީ އަހަންނާ ކައިވެނިކުރާށެވެ.
" ދެން ނުޖެހޭނެއެއްނު ލަދުގަންނާކަށް.. އެންމެންނަށްވެސް އެނގޭނެއެއްނު އަހަރެމެންގެ ގުޅުން ސީރިއަސްކަން."
ލޯތްބާއެކު ޝާމް ބުނެލިއެވެ. އަހަރެން ވަރަށް އުފާވިއެވެ.
ގިނަދުވަސްތަކެއްނުވެ އަހަރެމެން ދެމީހުން ކައިވެނިކުރެވުނެވެ. އަދި އަހަރެންގެ އެޕާރޓްމަންޓަށް ޝާމް ބަދަލުވިއެވެ. ހަފްތާއެއްގެ ޗުއްޓީ ނަގައިގެން އަހަރެމެން ވަގުތު ހޭދަކުރީ ގޭގައެވެ.ވިޔާމްގެ އަނިޔާއިން ހިތުގައި ލައިފައިހުރި ލަކުނުތައް މަޑުމަޑުން ފިލަންފެށިކަހަލައެވެ. އަހަރެންގެ ހިތް ލޯތްބާއި އުފާވެރިކަމުން ފުރެންފެށިއެވެ. ވިޔާމަށްވުރެ ޝާމް އެތައް ގޮތަކުން ރަނގަޅެވެ. އޯގާތެރިއެވެ. އިންތިހާއަށް އަހަރެންދެކެ ލޯބިވެއެވެ. ޝާމްއާއެކު ހޭދަކުރާ ކޮންމެ ދުވަހެއްވެސް މުޅި ދުނިޔެ އަހަންނަށް ލިބުނުކަހަލައޭ ހީވެއެވެ. ނަމަވެސް އަހަރެން ނުތަނަވަސްވާ އެއްކަމެއް އޮވެއެވެ. އެއީ އޭނާ އެއްވެސް ވަރަކަށް އަހަންނަކަށް ޚަރަދެއް ނުކުރެއެވެ. ދިރިއުޅުމުގެ ހުރިހާ ޚަރަދެއްވެސް ބަލަހައްޓަނީ އަހަރެން އެކަންޏެވެ. އޭނާ ބުނާ ގޮތުގައި ބޮޑުކަމެއް ޖެހޭ ދުވަހަކުން ޚަރަދުކުރަން އޭނާގެ މުސާރަ ފޮރުވަނީއެވެ. އެކަންކަންވެސް އަހަރެން ކަމަކަށް ނެހެދީ އޭނާ އަހަރެންދެކެ ލޯބިވާވަރު އިޙްސާސްވާތީއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް، ޝާމްއާ ކުނިޖެހުނު ފުރަތަމަ ދުވަހެވެ. އެއީ ބަލިވެ އަހަރެން އޮފީހަށް ނުގޮސް ހުރި ދުވަހެކެވެ.
" ފްރެންޑެއް ބުނި ޝާމް ،ފިރާޝާއާއެކު ކޮފީއަށް ދިޔަ ވާހަކަ، އެފިރާޝާއަކީ އޮފީސް ހުރިހާ ބޯއީޒްގޮވައިގެން އުޅޭ އަންހެނެއް! ކީއްކުރަން އޭނައާއެކު ކެންޓީނަށް ދާންވީ؟" އާދައިގެ ރާގެއްގައި އަހަރެން އެހެން ބުނުމާއެކު ޝާމް ދިނީ އަހަރެން ހީކުރި ކަހަލަ ޖަވާބެއް ނޫނެވެ.
" އަހަރެންވެސް ނަޒޫގެ މިނިވަންކަމަކާ ނުބެހެެމެއްނު! އެހެން ނޫނަސް އަންހެންކުއްޖަކާއެކު ކޮފީއަކަށް އެރުން އެއީ މައްސަލައެއްތަ؟ ނަޒޫއާ މެރީކުރުމުގެ ކުރިންވެސް އަހަރެން އޮފީސްކުދިންނާއެކު ކޮފީއަށް އަރަމެއްނު.."
ޝާމް އެކަން ނެގީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އަހަރެން ހުރީ ވަރަށް ބޮޑަށް ހިތްބިރުގަނެފައެވެ. ޝާމް އަހަންނަށް ގެއްލިދާނެތީއެވެ. ދެން އަހަރެން ބެލީ އަހަރެންގެ ހިތަށް ވިސްނައިދެވޭތޯއެވެ. ޝާމް އަހަންނަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. އޭނާ އެއަށްވުރެ އަހަރެންދެކެ ލޯބިވާކަން އަހަންނަށް އެނގެއެވެ. އެހެންކަމުން އަހަރެން އެކަންތައް ހަނދާންނައްތާލީމެވެ.
އިރުއޮއްސުމާއެކު ޝާމް ތައްޔާރުވާންފެށީ އޮފީހަށްދާށެވެ. ނުނިމިހުރި މަސައްކަތްތަކެއް ނިންމަންކަމަށްބުނެ، އޭނާ އޮފީހަށް ދިޔުމުން އަހަރެން ޖައްސާލީ ނިދާލާށެވެ. ހޭލެވުނީ ދިހައެއްވެސް ޖެހިފަހުންނެވެ. ޝާމް ނާންނަކަން އެނގުމާއެކު ވަގުތުން އަހަރެން ޝާމްއަށް ގުޅީމެވެ. އޭނާ ފޯން ނުނެގުމުން އަހަރެން އޮފީސް ފޯނަށް ގުޅީމެވެ.
" ޝާމްއެއް ނޫޅޭ! އޭނަ ނާދޭ މިރޭ!"
ފޯންނެގި ކުއްޖާ އެހެން ބުނުމުން އަހަރެން ވަރަށް ކަންތައްބޮޑުވިއެވެ. ފަހަރެއްގައިވެސް އޭނާ ނޫޅޭނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. އިތުރު މީހަކަށް ނުގުޅާ އަހަރެން އޭނާއަށް އިންތިޒާރުކުރީމެވެ. ބާރަޖެހިފަހުން ޝާމް އައިސް ފާޚާނާއަށްވަނީ ފޯން އެނދުމަތީގައި ބާއްވާފައެވެ. އޭނާ ހީކުރީ އަހަރެން ނިދާފައި އޮތްކަމަށެވެ. ޝާމް ފާޚާނާއަށް ވަނުމާއެކު އަހަރެން ޝާމްގެ ފޯންނެގީމެވެ. އޭރު ފޯން އޮތީ ލޮކް ނުވެއެވެ. މިއީ އަހަރެން ޝާމްގެ ފޯން ބަލާ ފުރަތަމަ ފަހަރެވެ. އަހަރެންގެ ދެއަތް އޭރު ތުރުތުރުއަޅައެވެ. ފިރިމީހާގެ ކަންތައްތައް ޖާސޫސްކުރުމަކީ ދުވަހަކުވެސް އަހަރެން ކުރި ކަމެއް ނޫނެވެ. ކުއްލިއަކަށް ވައިބަރ މެސެޖެއް ލިބުނެވެ. ޝީނާގެ ނަމުގައެވެ. އެއީ އަދި އަހަރެން އަލަށް އަޑުއެހި ނަމެކެވެ. އެމެސެޖް އަހަރެން ނެގީ ދެފިކުރެއްގައި ހުރެފައެވެ. އަހަރެންގެ ދެލޯ ބޮޑުވެ، ފެންކަޅިވެގެން ދިޔައީ އެ އަންހެން ކުއްޖާގެ މޫނުގައި ޝާމް މޫނު ޖައްސާލައިގެން ނަގާފައިވާ ފޮޓޯ ފެނުމުންނެވެ. އެ ކޮންޒަވޭޝަން އަހަރެން ކިޔަންފެށީމެވެ. އެދެމީހުންގެ ލޯބީގެ ކުޅިގަނޑު އަހަންނަށް އެނގުނީ އަދިކިރިޔާއެވެ. ދެމީހުން އެކުގައި ނަގާފައިވާ ބައިވަރު ފޮޓޯ ހުއްޓެވެ.
ޝާމް ފާޚާނާއިން ނިކުތް އިރުގައިވެސް އޭނާގެ ފޯން އޮތީ އަހަރެންގެ އަތުގައެވެ. ދުންޏެއްހެން އައިސް އޭނާ ފޯން ޖަހައިގަތީ ރުޅިވެރި ބެލުމަކުން އަހަންނާދިމާލަށް ބަލަމުންނެވެ. އޭރު އަހަރެންވެސް ތުރުތުރުއަޅައެވެ. ވީދެރައިންނެވެ. ކުރީގެ ފިރިމީހާމަތިން ހަނދާން ނައްތާލެވުނީ ޝާމްގެ ލޯބިންނެވެ. މިހާރު އަހަންނަށް ޝާމްދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. އަހަރެން މިހާ ދެރަވަނީވެސް އެހެންވެކަން އަހަންނަށް އެނގެއެވެ.
" ކީއްވެ އަހަންނަށް އޮޅުވާލީ؟ "
ރޮވިފައި އަހަރެން އެހީމެވެ.
" އަހަރެން އޭނަ އާ އިންނާކަށް ނޫޅެމޭ!" ޝާމް ދިނީ އަވަސް ޖަވާބެކެވެ. އެޖަވާބު އަހަންނަށް މާބޮޑަށްވެސް ގޯހެވެ. އިންނަން ނޫޅެންޏާ އެފަދަ ގުޅުމެއް އޭނައާ ބޭއްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
" ތިދެމީހުންގެ ދެމެދު ގުޅުން އޮތްވަރު މެސެޖްތަކުން އެބަ އިނގޭ! " އަހަރެން އިތުރުކޮށްލީމެވެ.
" އެއީ މައްސަލައެއް ނޫނޭ ނަޒޫ! އަހަރެންގެ އަނބިމީހާއަކީ ތީއެއްނު! މާބޮޑުކަމަކަށް ނަހަދަބަލަ! " އޭނާ ހާހެއްނުވެއެވެ. އެހެނަސް އަހަންނަށް އެކަން ކުޑަކަމަކަށް ވާނީ ކޮންގޮތަކުން ހެއްޔެވެ؟
" ކުރިން އަހަރެން ހީކުރީ ދިރިއުޅުން ރޫޅޭނީ ހަމައެކަނި އަނިޔާކޮށް ހަދަންޏާއޭ! އެކަމަކު ހިލޭ އަންހެނުން ގެންގުޅޭ ފިރިއަކާއެކު އުޅުމަކީ އަނިޔާވެރި ފިރިއަކާއެކު ދިރިއުޅުމަށްވުރެ މާ ހިތްދަތިކަމެއް! އޭނަ ދެނީ ޖިސްމާނީއަނިޔާ! ޝާމް އަނިޔާ ތިދިނީ ނަފްސާނީގޮތުން! ޝާމް! އަހަރެން މުޅިން ބަލިކަށިވެއްޖެ! އަލަތު ފިރިމީހާއަކީ އަނިޔާވެރި ފިރިއެއް! ދެވަނަ ފިރިމީހާއަކީ..."
" ހޫމް ހޫމް.. ދެން ހުރިހާ އެއްޗެއް ނުކިޔާ އުޅެން ބޭނުން ނުވަންޏާ ދާންއުޅޭ! އެއީ ބޮޑު މައްސަލައަކަށް ހަދަންޏާ ދެން އަހަންނާއެކު ނޫޅުނީމަ ވީއެއްނު! ބުނެބަލަ! ވަރިކޮށްދީފާނަމޭ! ދެން މާ ޝަކުވާ ބޮޑުކުރަނިއްޔޭތި! މާދަމާ އޮފީހަށްގޮސް އެންމެންގާތު ކިޔާނަން ތީ އުޅެވޭވަރުގެ މީހެއްނޫނޭ"
އެއްވެސް އިހްތިރާމެއްނެތި ޝާމް އަހަންނަށް އެއްޗެހިކިޔަން ފެށިއެވެ. އަހަރެން ހައްތަހާވީ ދެރައެވެ. ކުއްލިއަކަށް ވިޔާމްމަތިން ހަނދާންވާންފެށިއެވެ. އޭނާ ކިތަންމެ އަނިޔާ ކުރިޔަސް އަހަންނަށް ބަރާބަރަށް ޚަރަދުކުރިއެވެ. މީހުންގެ ކުރިމަތީގައި އަހަރެން ބޭޒާރެއް ނުކުރެއެވެ. އެކަމަކު ޝާމް އަހަރެންދެކެ ލޯބިވާކަމަށް ބުނެ، އުފާހޯދަމުން ދުވަނީ އެހެން އަންހެނުންގާތުންނެވެ. މިއީ ކިހާ ހިތްދަތި ކަމެއް ހެއްޔެވެ؟ ކެތްނުވެގެން އަހަރެން ޝާމްކައިރިންވެސް ވަރިވީމެވެ. ދެވަނަ ކައިވެނިވެސް ރޫޅުނީއެވެ. ހުރިހާ ކަމެއް ފުރިހަމަ މީހަކު ނޫޅޭނޭވެސް އަހަރެން ހިތަށް އެރިއެވެ. ނަމަވެސް ދެން އިތުރު ކައިވެންޏެއް ކުރާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. ދެކައިވެނި ރޫޅިގެން އެންމެންވެސް އިނގިލި ދިއްކުރާނީ އަހަންނާދިމާލަށެވެ. ދެމީހުންނާއެކުވެސް އިނދެގެން ނޫޅެވޭނީ އަހަރެންގެ މައްސަލައިންނޭ ކިޔާނެކަން އަހަންނަށް އެނގެއެވެ. އެކަމަކު ދިރިއުޅުމުގައި ދިމާވާ ކަންތައްތައް މީހުންނަކަށް ނޭނގޭނެއެވެ.
***
އޮފީހުން ކެނޑިގެން، ފެހުމުގެ މަސައްކަތްކުރަމުން އާމްދަނީ ހޯދާތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. އަހަރެންގެ ޢުމުރުން ތިރީސްއަހަރުވެސް ވެއްޖެއެވެ. އުނގުފަޅު ފިލުވާލާނެ ދަރިޔަކު ނެތްކަމުގެ އިޙްސާސްކުރެވެންފަށައިފިއެވެ. ނަމަވެސް އިތުރު ކައިވެންޏެއް ކުރަން ބޭނުން ނުވާތީ އަހަރެން އެހިތާމައިގައި ދުވަސްތައް ހޭދަކުރަމުން ދިޔައީމެވެ.
އެއްދުވަހަކު ފަހަން އައި މީހެކެވެ. ބަލާބެލުމަށް އެއީ އަހަންނަށްވުރެ އަށެއްކަ އަހަރު ދޮށީ މީހެކެވެ. ނަމަވެސް ބަލާލަން ވަރަށް ރީއްޗެވެ. ސާފު މޫނެކެވެ. ތުނބުޅިލައިފައި ހުރުމުން އަހަންނަށް އޭނާ ވަރަށް ކަމުދިޔައެވެ. އޭނާ އައީ ޖުއްބާ ފަަހާށެވެ. ވާހަކަ ދައްކާއިރުގައިވެސް އޭނާ އުޅެނީ އަހަންނާ ހަތަރުކަޅި ހަމަނުކުރަންވެގެންނެވެ.
" ދެދުވަހެއްގެ ތެރޭގައި ނިންމާލާނަން! " އޭނާ ދާން ހިނގައިގަތުމުން އަހަރެން ބުނެލީމެވެ.
" އިންޝާﷲ ބުނަންވާނެ! ކުރިއަށްވާނެގޮތް ދެނެވޮޑިގެންވާނީ ހަމައެކަނި މާތްﷲ! އެންމެ ރަނގަޅު! ދެދުވަސް ފަހުން އަންނާނަން އިންޝާﷲ! "
އޭނާ އެހެން ބުނެ ނިކުމެގެން ގޮއްސިއެވެ. އަހަންނަށް ކުރެވުނީ ތަފާތު އިޙްސާސެކެވެ. އޭނާގެ ޖުމްލަތައް ހިތުގައި ބިންވަޅު ނެގުނެވެ.
ދެދުވަސްތެރޭ އޭނާގެ ޖުއްބާތައް އަހަރެން ނިންމާލީމެވެ. އޭނާއަށް އިންތިޒާރުކުރެވެންފެށުނީ ކީއްވެކަމެއް ޚުދު އަހަންނަކަށްވެސް ނޭނގުނެވެ.
ދެދުވަސްފަހުން އޭނާ އަތުވެއްޖެއެވެ. އަހަރެން ކޮތަޅު ދިއްކޮށްލުމުން އޭނާ އަހަންނަށް ފައިސާ ދިއްކޮށްލިއެވެ. އަދި އެނބުރި ދިޔުމަށް ހިނގައިގަތެވެ. އަހަންނަށް އެއްވެސް އެއްޗެއް ބުނާކަށްވެސް އަހާކަށްވެސް ނުކެރުނެވެ.އޭނާ ދާންދެންވެސް ބަލަހައްޓައިގެން ހުރެވުނީއެވެ.
އޭގެ ދެތިން ދުވަސްފަހުން އަނެއްކާވެސް ނުދަންނަ ދެމީހަކު އަތުވެއްޖެއެވެ. ފަހަން އައި ބައެއް ކަމަށް ހީކޮށް އަހަރެން އެމީހުން އިށީނުމަށް ގޮނޑި ދެއްކީމެވެ. ނަމަވެސް އެމީހުން ބުނިގޮތުގައި އެމީހުން އެއައީ އަހަރެންގެ ކައިވެންޏަށް އެދޭށެވެ. މީގެ ދެތިން ދުވަސްކުރިން އަހަރެން ޖުއްބާފެހި ޒުވާނާ ފޮނުވައިގެންނެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކޮންމެވެސް ވަރަކަށް އޭނާއާމެދު ޝައުޤުވެރިކަން އުފެދިފައިވީ ނަމަވެސް އާނއެކޭ ބުނަން އަހަންނަށް އުނދަގޫވިއެވެ. އެއީ ކޮންތާކު ކާކުކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އެމީހުން ބުނިގޮތުގައި އޭނާއަކީ ބޯޓު ދަތުރުކުރާ މީހެކެވެ. މިހާރު އޭނާ އެމަސައްކަތް ހުއްޓާލުމަށްފަހު ދީނީ ކަންކަމައިގެން އެކި ޖަމާޢަތްތަކުގައި މަސައްކަތްކުރަނީއެވެ.
ވިސްނުމަށްފަހު އަހަރެން އާނބަސްބުނީމެވެ. މިއީ އަހަރެންގެ ތިންވަނަ ކައިވެންޏެވެ. މުޅިން ތަފާތެވެ. ފެނުނީ ދުވަހަކުވެސް ނުފެންނަ މަންޒަރުތަކެކެވެ. ހަމްޒާ، އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފިއެވެ. ފުރަތަމަ ފަހަރަށް އަހަރެން ބުރުގާ އެޅީ ހަމްޒާގެ އެދުމަށެވެ. މަންމަ ނިޔާވި ފަހުން އަހަރެން ނަމާދެއް މިކުރީ އަލަށެވެ. ޤުރުއާން އަކުރެއް ކިޔެވި ހަނދާންވެސް ނެތެވެ. ނަމަވެސް ޣާފިލުވެފައިވާ އަހަރެންގެ ހިތް، ހަމްޒާގެ މަސައްކަތުން ޠާހިރުކޮށްފިއެވެ. ކޮންމެ ރެޔަކު ދަމުނަމާދުކޮށް، ސުންނަތްރޯދަ ހިފަން ފެށީމެވެ. އަހަރެންގެ ކުރު ހެދުންތައް އުވާލާ، އަބާޔާ ލާންފެށީމެވެ. ޝައްކު ކުރުމާ، ޒުވާބުކުރުމާ، ތަޅާފޮޅުން އަނިޔާ ކުރުމަކީ މި ދިރިއުޅުމުގައި ނުވާ ކަންތައްތަކެވެ. އަހަރެން ހޯދާ ފައިސާ، އަހަންނަށެވެ. ހުރިހާ ޚަރަދެއް ކުރަނީ ހަމްޒާއެވެ.އަހަންނާ ދިމާލަށް އޭނާ ބާރަށް އެންމެ ބަހެއްވެސް ނުބުނާނެއެވެ. ޙަޔާތުގައި ދުވަހަކުވެސް ނުލިބޭ، ޤަދަރާއި ޢިއްޒަތް އޭނާ އަހަންނަށް ދިނެވެ. ހެޔޮލަފާ ޞާލިޙް ފިރިއެއް ދެއްވިކަމީ އަހަންނަށް ލިބުނު ނިޢުމަތެއްކަމުގައި ދެކިގެން އަހަރެން ކުރިއަށް ދިޔައީމެވެ.
***
ތިނެއް ޖެހި އިރު އަހަންނަށް ހޭލެވިއްޖެއެވެ. ނަމާދުކުރަން ހަމްޒާ އަހަންނަށް ނުގޮވައޭ ހިތާ އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. އެނދުން ފޭބުމާއެކު ލޮލުގައި އަޅައިގަތީ ފަތުރާފައި އޮތް މުސައްލައެވެ. އޭގެ މަތީގައި އޮތް ހުދުކުލައިގެ ކަރުދާހެއްވެސް އަހަންނަށް ފެނުނެވެ. އަވަސް އަވަހަށް ގޮސް ބޮކި ދިއްލާލީމެވެ.
" އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. ތިޔައީ މި ދުނިޔެއިންވެސް އަހަރެން ދުށް އެންމެ ހެޔޮލަފާ އަންހެނާއެވެ. ތިބާއަށް މާތްﷲ ހެޔޮޖަޒާ ދެއްވާށި! އާމީން! އަހަރެން ދައްކަން މިއުޅޭ ވާހަކައަކީ ދުލުން ބަޔާންކުރަން ދަތި ވާހަކަތަކެކެވެ. އަދި އަޑުއަހަންވެސް ކަނބުލޭގެއަށް ކެރިގެން ނުވާނެކަން ޔަޤީނެވެ. ލޯބިވާ އަނބިމީހާއެވެ. އަހަންނަކީ ވަރަށް ބޮޑު ކުށްވެރިއަކީމެވެ. ނޫނީ އަނިޔާވެރިއަކީމެވެ. މިވަގުތު އަހަރެން މިވަނީ ކަމަނާއާ އެތައް މޭލެއް ދުރުގައެވެ. ލޯބިވާ އަނބިމީހާއެވެ. އަޑުއަހާށެވެ! ކެތްތެރިވާށެވެ! އަހަރެންގެ މާޒީއަކީ ކިލަނބު، މުޑުދާރު މާޒީއެކެވެ. ބޯޓު ދަތުރުކުރަން ގޮސް އުޅުނު އިރު އަހަރެން އަރައި ނުގަންނަ ފާފައެއް ނެތެވެ. އެކި ޤައުމުތަކުގެ ބަނދަރުން އެކި އަންހެނުންގެ ކިބައިން އަހަރެން އައީ އުފާ ހޯދަމުންނެވެ. އަހަރެންގެ އެ ޢަމަލުތައް ވެގެން ދިޔައީ އަހަރެންގެ ހަލާކަށެވެ. ލޯބިވާ އަނބިމީހާއެވެ. ކެތްތެރިވާށެވެ. ކަމަނާއާ ކައިވެނި ވެވުނުއިރުގައިވެސް އަހަންނަކީ އެއިޑްސް ބަލީގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. އެކަން އަހަންނަށް އެނގުނީވެސް ޔޫރަޕްގެ ޤައުމަކުން ހެދި ޓެސްޓަކުންނެވެ. އެހިސާބުން އަހަރެން ރާއްޖެ އައީ ތަޢުބާވެގެންނެވެ. އަހަންނަށް މަޢާފްކުރާށެވެ. ކަމަނާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލެވުނުކަމަށް އަހަންނަށް މަޢާފްކުރާށެވެ. ކަމަނާގެ އަޖަލު ޖެހޭނެ ދުވަހެއް ނޭނގޭނެއެވެ. އެނގޭހާވެސް އެއްޗަކީ މިހާރު ތިއީ ފުރިހަމަ މުސްލިމެއްކަމެވެ. މާތްﷲގެ މަގުގައި ސާބިތުވެ ހުންނާށެވެ. އަޅުކަން ދޫކޮށްނުލާށެވެ. މަރު ދުވަހާ ޖެހެންދެންވެސް އަހަރެން ދަސްކޮށްދިން ގޮތަށް އުޅޭށެވެ. އަހަންނާ ބައްދަލް ވުމަކީ ބަދުނަސީބޭ ހީނުކުރާށެވެ. އަހަންނަކީ ކަމަނާ ތަޢުބާވެ އިސްލާޙުގެ މަގަށް ރުޖޫޢަވާން ލިބުނު ފުރުޞަތެއް ނޫންކަމެއްވެސް ނޭނގެއެވެ. އަދިވެސް އެއްފަހަރު އަހަންނަށް މަޢާފްކުރާށެވެ. ކޮންމެ ކަމަކަށްވެސް ކެތްތެރިވާށެވެ. އަހަރެން އަބަދުވެސް ކަނބުލޭގެ މަތިން ހަނދާން ކުރާނަމެވެ. އިންޝާﷲ ދެން ބައްދަލްވާނީ ސުވަރުގެއިންނެވެ. "
ނޯޓް ކިޔާ ނިމުމާއެކު އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. މުސައްލަމަތީގައި އޮށޯވެ ބާރަށް ރޯންފެށުނެވެ. ކުރިމަތިން މަރު ސިފަވިހެން ހީވިއެވެ. އެއިޑްސް ބައްޔަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މަރު ބައްޔެކޭ ކިޔާތީ އަޑުއަހަމެވެ. އަހަރެން އިތުރަށް ބިރުގަނެއްޖެއެވެ. އަހަންނަށް ދިރިއުޅުމުގެ ފޮނި މީރުކަން ދައްކަައިދިނީ ހަމްޒާއެވެ. ފިރިއެއްގެ ހުރިހާ ވާޖިބްތަކެއް އަދާކޮށް، އަހަރެން ހެއްވާލުމަށްފަހު އޭނާ އެދިޔައީ އަހަންނަށް ކިހާބޮޑު ހަދިޔާއެއް ދީފައިހެއްޔޭ ހިތަށް އެރިއެވެ. މިބަލީގައި އެކަނި ދުނިޔެ އަޅާ ދާންވީހޭ ހިތަށް އެރިއެވެ. އަނެއްކާވެސް އަހަރެން ބާރުބާރަށް ރޯންފެށީމެވެ.
އަވަހަށް އަހަރެން ދުއްވައިގަތީ ފާޚާނާއަށެވެ. އޭރުވެސް އަހަރެންގެ އަޑެއް ނުކެނޑުނެވެ. ހަމަ ރޮވެނީއެވެ. ބިރުވެސް ގަންނަނީއެވެ. ވުޟޫކޮށްގެން އައިސް އަހަރެން ނަމާދަށް އެރީމެވެ. ސަޖިދައިގައި އޮވެ ބާރަށް ރޮމުން ދުޢާކުރީމެވެ. ހިތަށް އަރާފައިބާ ހުރިހާ ޝަކުވާތަކެއް ކުރީމެވެ. ހިތަށް ތަސައްލީއެއް ލިބުމާއެކު ތެދުވެ ސަލާމްދިނުމާއެކު ފެނުނީ ކޮޓަރީގެ ދޮރުކައިރީގައި ހިނިތުންވެގެން ހުރި އަހަރެންގެ ލޯބިވާ ފިރިމީހާއެވެ. އޭނާ ފެނުމާއެކު އަހަންނަށް އޭނާއާ ދިމާލަށް ދުއްވައިގަނެވުނެވެ. ދިޔަ ބާރުމިނުގައި ގޮސް ގޮށްމުށުން އޭނާގެ ގައިގައި ތަޅައިގަތީމެވެ.
" އެ ނޯޓަކީ ތިބާގެ ކެތްތެރިކަން ޓެސްޓްކޮށްލަން އަހަރެން ކޮށްލި ސަމާސާއެއް! އަހަރެން ނެތް ދުނިޔެއެއްގައިވެސް ހަމަ ތިގޮތުގައި ދެމި ހުންނާތި! މާޝާﷲ ތީ އަހަރެން ބޭނުންވާ ކަހަލަ އަނތްބެއް! "
ހަމްޒާ ލޯތްބާއިއެކު އަހަރެންގެ ގައިގައި ބައްދާލިއެވެ. ހިތަށް ފިނިކަމެއް ލިބުނީ އެހިސާބުންނެވެ. ދިރިއުޅުމުގެ އެތައް އޮޅިއެއް ގިރާކުރަމުން އައިސް އަހަންނަށް އުފާވެރި ޙަޔާތެއް މިލިބުނީ އަދިކިރިޔާއޭ ހިތަށް އެރިއެވެ. ވަރިއަކީ ތިމާގެ ދިރިއުޅުން ހުއްޓުމެއް ނޫނެވެ. އަހަންނަށް އެނގުނު އެއްޗަކީ ހިތްދަތިކަން ލިބޭހިނދު އޮތީ ހިތްވަރުކޮށްފައި ކުރިއަށްދިޔުންކަމެވެ. ތިމާގެ ދިރިއުޅުމަށް އެކި ކަހަލަ މީހުން އައިސް ގޮސް ހަދާނެއެވެ، އެކި ކަހަލަ ތަޖުރިބާކުރެވޭނެއެވެ. އަހަރެމެންނަށް އޮތީ އިތުބާރާއެކު ދުޢާކުރުމުގައި ސާބިތުވުމެވެ. އޭރުން ތިބާއަށްވެސް އަހަންނަށް ދެއްވި ފަދަ ފިރިއަކު ލިބިދާނެއެވެ. އަހަރެންގެ ތިންވަނަ ފިރިމީހާއަކީ އަހަންނަށް ސުވަރުގެ ދިޔުމަށް ހުޅުވުނު ދޮރެކޭ ހިތަށް އަރައެވެ.
( ނިމުނީ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!