ރަމަޟާން މަހުގެ އިނާޔަތް ނުލިބޭނަމަ، ޝަކުވަ ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެދިއްޖެއެވެ.
އެ އޮތޯރިޓީން ބުނީ އެކަމަށް ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އޮތޯރިޓީއަށް ގޮސްގެން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް އެތަނެއްގައި ވަޒީފާ އަދާކުރާ މުސްލިމު މުވައްޒަފުންނަށް ދޭ ރަމަޟާން އިނާޔަތުގެ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދިނުމަށް ގާނޫނު ލާޒިމު ކުރެއެވެ.
އެހެންނަމަވެސް ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް މި އިނާޔަތް ނުދޭކަމާއި އިނާޔަތް ދިންކަމުގައިވިޔަސް ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައި ނުވާކަން މީގެ ކުރިން ފާހަގަކުރެވިފައިވާ އެ ލޭބަރ ރިލޭޝަނުން ވަނީ ބުނެފައެވެ.
ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުގައި، ރޯދަ އެލަވަންސް ނުދީފިނަމަ އެ ކަމަށް ނަސޭހަތްތެރިވެ، އެކަން ތަކުރާރުވެއްޖެނަމަ 5000އާ 50،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުންދޭ ހުއްދަ ބާތިލުކުރުންފަދަ ފިޔަވަޅުތައްވެސް އެޅިދާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!