މިހާރު ކުރިއަށްދާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އިންގްލެންޑުން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ.

މި ހަފްތާގައި ޔޫރޯ ކޮލިފައިން ފަށާފައިވާއިރު، ގްރޫޕް ސީގައި އިންގްލެންޑް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 2-1 ގެ ނަތީޖާއިން އިޓަލީ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ރޭ އިންގްލެންޑުން އަމިއްލަ ދަނޑުގައި ނުކުތީ ޔުކްރެއިންއާއި ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއިން އިންގްލެންޑުން ވަނީ ކާމިޔާބު ކޮށްފައެވެ.

Ad
rt

ރޭގެ މެޗުގައި އިންގްލެންޑްގެ ބުކަޔޯ ސަކާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި އިންގްލެންޑުން ކާމިޔާބުކުރި އިރު މި ލަނޑުގައި ވެސް ސަކާގެ ދައުރު ބޮޑެވެ. އަރިމަތިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ސަކާވަނީ އޭރިއާ ތެރޭ ހުރި ކޭން އަށް މަތިން އެ ބޯޅަ ކުޅެލާފައެވެ. ކޭން ވަނީ އެއްފަހަރުން ޖައްސައި އެ ބޯޅަ ގޯލަށް ވައްދާލާފައެވެ. މިއީ ކޭން ގައުމީ ޓީމަށް ޖަހައިދިން 55 ވަނަ ލަނޑެވެ.

ފުރަތަމަ ލަނޑު ޖެހިތާ ތިން މިނެޓް ފަހުން އިންގްލެންޑުން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑަކީ ސަކާގެ ހުނަރު ބޭނުން ކޮށްގެން ޖަހާފައިވާ މޮޅު ލަނޑެކެވެ. އެ ޓީމްގެ ހެންޑަސަން އެރިއާ ބޭރުން ސަކާއަށް ޖައްސާލި ބޯޅަ އޭނާ ވަނީ ކުރިމަތީހުރި ޑިފެންޑަރ ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ މަތީކަނަށް އެ ބޯޅަ ފޮނުވާލާފައެވެ.

މި ގްރޫޕުގައި ރޭ އިޓަލީއާއި މާލްޓާ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިޓަލީންނެވެ. މި މެޗުގައި އިޓަލީއަށް ލަނޑުތައް ޖަހައިދީފައި ވަނީ މަޓެއޯ ރެޓެގުއީއާއި މަޓެއޯ ޕެސީނާއެވެ.

ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނާގައި އިންގްލެންޑް އޮތްއިރު ދެވަނާގައި ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އޮތީ އިޓަލީއެވެ. ތިންވަނާގައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލްޓާއަތުން މޮޅުވި ނޯތު މެސެޑޯނިއާއެވެ. އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ޔުކްރެއިންއަށާއި މާލްޓާއަށް އަދި ޕޮއިންޓެއް ހޯދިފައި ނުވެއެވެ.