ލޯ ހުޅުވާލެވުނީ މަންމަގެ ބާރު އަޑަށެވެ. އަވަސް އަވަހަށް ތެދުވެ ސިޓިންގރޫމަށް ނިކުތީ، ފާރުގައި އަޅުވާފައި ހުރި ގަޑި ބަލާށެވެ. ގަޑިން ބަރާބަރު ހައެއް ޖެހީއެވެ.
" ފަތިސްނަމާދު ކުރަން ގޮވިޔަކަސް ތެދުވަނިއްޔެއް ނޫން! މާދަމާ ނުތެދުވިއްޔާ ސްކޫލަށް ދާކަށްވެސް ނުގޮވާނަން!"
އަހަންނަށް ފަހަތް ބަލާލެވުނީ ދާދި ގާތުން އިވުނު މަންމަގެ އަޑަށެވެ. އޭރު މަންމަގެ އެއް އަތުގައި ރޮށިދަމާ ރޯލު އޮތެވެ. އެހެންކަމުން މަންމަ އެއައީ ރޮށި ފިހަން ހުރެފައިކަން އަހަންނަށް އެނގުނެވެ. ކަމެއް ކުރަން ހުރެފައި އަހަންނަށް ގޮވަން އަންނަން ޖެހުމުން މަންމަ އަންނާނެ ރުޅި އަހަންނަށް އިޙްސާސްކުރެވުނެވެ.
" އަވަހަށް ގިފިއްޔަށް ވަދޭ! "
މާ ގިނަ އިރަކު މަންމަ މަޑެއް ނުކުރިއެވެ. ރޮށި އަނދާފާނެޔޭ ކިޔަމުން ގޮއްސިއެވެ. ހަމަޖެހިލައިގެން ހުރެ އަހަރެން ގިފިއްޔަށްވަނީމެވެ. ފެންވަރައިގެން ގައިހިއްކަން ހުއްޓާ އެ އިވެންފެށީ ރޭޑިޔޯއިން " ބާއްޖަވެރި ހެނދުނެއް" ފަށައިގެން ބަދުރުބޭ ވާހަކަ ދައްކާއަޑެވެ. ދެން އިވޭނީ މަންމަގެ ހަޅޭކުގެ އަޑުކަން އެނގޭތީ އަހަރެން ހަރަކާތް އަވަސްކޮށްލީމެވެ.
" ކޮބާ ރެބަން ފަށް؟ "
ފުނާ ހިފައިގެން ފުނާއަޅަން ބަދިގެއަށް ދިޔުމާއެކު މަންމަ ހަރުއަޑުން ބުނެލިއެވެ.
" މި އަންނަނީ ހިފައިގެން.."
ރޭޑިޔޯއިން އިވެމުންދާ ބޮޑުބެރާ އެއްވަރަށް ހިނގަމުން ދިޔައީމެވެ. އެނބުރި އައި އިރު މަންމަ ހުރީ އަހަރެންގެ ކިރުސައިތަށިވެސް ގިރާފައެވެ. އަހަރެން ފެނުމާއެކު ނިކަން އަވަހަށް އައިސް އަހަރެންގެ އިސްތަށިގަނޑުތެރެއަށް އަތްކޮއްޕާލައިފިއެވެ.
"އަޅެ މި ބޯ، ތެދަށް ބަހައްޓަބަލަ! "
ބޮލުގެ މެދުން މަގު ފަޅާލުމަށްފަހު ގަތަން ފަށަމުން މަންމަ އަހަރެންގެ ބޯ ތަޅުވައިގަތީ އަހަންނަށް ހިމޭނުން ނުހުރެވޭތީއެވެ. އަހަންނަށް މަޑުން ހުރެވުނީ ގަތަމުންދިޔަ އިސްތަށިތަކުގައި ހިފާ ދެތިން ފަހަރު، މަންމަ ލުތްކެއް ޖަހާލިފަހުންނެވެ. ބޯގަތާ ނިންމާލުމަށްފަހު މަންމަ ވާހަކަ ދައްކަން ފެށިއެވެ.
" ސައިތަށި ބޮއިގެން ގޮސް ބޫޓަށް އަރައިގެން އާދޭ ފޮތްދަބަސް ހިފައިގެން!" މަންމަ އެހެން ބުނުުން އަހަންނަށް ބަލާލެވުނީ ބަދިގެ ފާރުބުރިމަތީގައި ހުރި ކިރުސައިތައްޓަށެވެ.
" ކޮބާ ބަނަސް؟"
ކިރުސައިތައްޓަށް ބަލާލަމުން އަހަރެން އަހާލީ ފަރީނައްތަ ފިހާ ބަނަސް ކާހިތުންނެވެ.
" ބަނަހޭ؟ އަދިވެސް ބަނަސް ނުކެވިގެން އުޅޭތި! ތިކުއްޖާއަށް ބަލާލާފަ މީހަކު ނުބުނާނެ ގައިމު ތީ ގުރޭޑް ފަހެއްގައި އުޅޭ ކުއްޖެކޭވެސް.. ބަނަހާ ކޭކާ އޭތި މީތި ކައިކައި މީހާ ތިހުންނަނީ ރުއްގުޅިއެއްހެންވިއްޔަ! ނުލިބޭނެ ބަނަހެއް!"
ތެދެކެވެ. އަހަންނަކީ އުމުރާ ނުގުޅޭވަރަށް ފަލަ ކުއްޖެކެވެ. އެކަމަކު ފަލަވަނީ އަހަރެން ކައިގެން ނޫންކަން މަންމައަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. ފަލަވާވަރަކަށް އަހަންނެއް ނުކަމެވެ. އަހަރެން ފަލަވީ ކުޑައިރު ނުކައިގެން އަހަންނަށް ދިން ބޭހަކުންނޭ މީގެ ކުރިން މަންމައައީ ބުނަމުންނެވެ. ނަމަވެސް މިހާރު އަހަރެން ފަލަކަމުން މަންމަ ހުންނަނީ އަބަދުވެސް އަހަންނަށް މަލާމާތް ކޮށްކޮށެވެ. އެކަމާ އަހަރެން ވަރަށް ދެރަވެސްވެއެވެ.
" ހުސްކިރުސައެއް ނުބޯނަން!" އަހަރެން ބޮޑާހާކާލީމެވެ. ނަމަވެސް މަންމަ ހުރީ އަހަންނަށް އެ ބަނަސް ދޭ ގޮތަކަށް ނޫނެވެ. އެކަމާ އައިރުޅިން އަހަރެން ސްކޫލަށް ދިޔައީ އެއްވެސް އެއްޗެއް ނުބޮއެވެ.
ކްލާހުގައި އަހަރެން އިންނަނީ އެންމެ ފަހަތުގައެވެ. މުދައްރިސް ބޯޑުގައި ލިޔުއްވާ ފިލާވަޅު ފޮތަށް ނަކަލު ކުރަން ޖެހިއްޖެ ނަމަ އަހަންނަށް އެ މަސައްކަތް ނުކުރެވެނީ ލޯ ފުސްކަމުންނެވެ. އެހެންކަމުން އެވާހަކަ މުދައްރިސްގާތު ބުނީމެވެ. ބުނުމާއެކު މުދައްރިސް އަހަރެން ގެނެސް ކުރީ ސަފުގައި ބައިންދައިފިއެވެ.
" ބޮޑު ބިއްގަނޑެއް ގެނެސް ބައިންދައިފި! ބޯޑެއްވެސް ނުފެނޭ!"
ފަހަތުގައި އިން މަހީލް އަހަންނަށް މަލާމާތްކޮށްލިއަޑު އިވުނެވެ. އިވޭ ކަމަށް ނަހަދާ އަހަރެން އިނީމެވެ. ކުލާހުންވެސް މަހީލްއަކީ އެންމެ ރީތި ފިރެހެންކުއްޖާއެވެ. އެއްދުވަހަކު މަހީލް ވަރަށް ސަޅިއޭ ކުއްޖަކު ގާތު ބުނެވިގެން އެކުއްޖާ އޮތީ އެވާހަކަ މުޅި ކުލާހުގައި ފަތުރާފައެވެ. އޭގެ ފަހުން ކުދިން އަހަންނާ މަހީލް އަޅުވާވެސް ކިޔައެވެ. އެކަން ވެފައި އޮންނަނީ މަހީލް ވަރަށް ރުޅި އަންނަ ކަމަކަށެވެ. އަދި އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުން އަހަރެން ފެންނަހާ ތާކުން އޭނާ އަހަންނާ ދިމާކޮށް ހީ މަލާމާތްކުރެއެވެ.
" މުދައްރިސް އަޅުގަނޑަކަށް ބޯޑެއް ނުފެނޭ! ބޯޑު ހުންނަނީ ސަމާގެ ގައިން ނިވާވެފަ!"
ތަންކޮޅެއް ބާރަށް އަނެއްކާވެސް މަހީލް ބުންޏެވެ. އަހަރެން ވަރަށް ލަދުގަތެވެ. ކުދިންތައް ހޭތީ، އަހަންނަށް ރޮވެން އުޅުނެވެ. ނަމަވެސް ގުޑިލާކަށެއް ނުކެރުނެވެ.
" ސަމާ! ފިލާވަޅު ނަގާ ނިމުނިއްޔާ ކުރިން އިންތަނުގައި އިނދޭ!"
މުދައްރިސްގެ ބަހަށް އަހަރެން ތެދުވެގެން ގޮސް ކުރިންވެސް އިން ތަނުގައި އިށީނީމެވެ. އިންތިހާއަށް ލަދުން ހުރެއެވެ.
" ދެން އޮތީ ޕީއީ ގަޑިއެއްނުދޯ! މިއަދު އޮތީ ފަތްކޯޅި ރޭސް ކުޅުން.. ދެގުރޫޕަކަށް ބަހާލައިގެން ބޭރަށް ދާނީ! އެހެންވީމަ ކްލާސް މޮނިޓަރ އެއްޓީމް. އެސިސްޓެންޓް މޮނިޓަރ އަނެއްޓީމް. ފަހަރަކު ކުއްޖަކު ނަގަމުންދޭ! މުދައްރިސް އެބަ އަންނަން ސްޓާފްރޫމަށް ގޮސް!"
މުދައްރިސް ނިކުތުމާއެކު ދެގުރޫޕަށް ކުދިން ބަހަން ފަށައިފިއެވެ. ދެގުރޫޕަށް ކުދިން ނަގަމުން ނަގަމުންގޮސް އެންމެ ފަހަށް ހުރީ އަހަންނެވެ. އެއްވެސް ގުރޫޕަކުން އަހަންނެއް ނުނެގިއެވެ.
" ސަމާ ނެގިއްޔާ ޔަޤީން ދަށްވާނެކަން! " މަހީލް ބުނެލިއެވެ.
" އާނ! ނުވެއް ދުވެވޭނެ ސަމާއަކަށް... އަހަރެމެން ބޭނުމީ ބާރަށް ދުވާކުދިން! " އެހެން ކުއްޖަކުވެސް އެހެން ބުނުމުން އަހަންނަށް ރޮވުނެވެ. މޫނުގައި އަތް އަޅައިގެން ހުރެ އަހަރެން ރޯންފެށީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ.
" ބަލަބަލަ! ކިހިނެއް ވެގެން މިއުޅެނީ؟ ކީއްވެ ސަމާ ރޮނީ؟"
މުދައްރިސްގެ އަޑު އިވުމާއެކު އަހަންނަށް އިތުރަށް ރޮވުނެވެ.
" ސަމާއަށް ނުދުވެވޭތީ އެއްވެސް ކުއްޖަކު ސަމާ ނަގަން ބޭނުން ނުވީ!"
ބާރުބާރަށް ކުއްޖަކު ބުނެލި އަޑު އިވުނެވެ. ހެމުންނެވެ. ގިސްލަގިސްލާފައި އަހަރެން ރުޔަސް، ދެރަވާނެ އެއްވެސް ކުއްޖެއް އެކުލާހުގައި ނެތްކަން އަހަންނަށް އެދުވަހު އެނގުނެވެ.
" ތިހެން ބުނާކަށް ނުވާނެއެއްނު! ސަމާއަށްވެސް ދުވެވޭނެ! އެއްވެސް ކުއްޖަކު ބާކީ ކުރާކަށް ނުވާނެ! ސަމާވެސް ދެރަވާނެއެއްނު ތިކުދިން ތިހެން ހެދީމަ"
މުދައްރިސް އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު އަހަރެން ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެދުވަހު އަހަރެން އިނީ ކުޅެން ބޭރަށް ނުގޮސް ކުލާހުގައެވެ. ކިތަންމެ ކުޅޭހިތްވިޔަސް އަހަރެން ކްލާސްކުދިންނާއެކު ކުޅޭކަށް ބޭނުމެއް ނޫނެވެ. އަހަރެން ހުންނަ ޓީމެއް ބަލިވިއްޔާ އަބަދުވެސް އެކުދިން އަހަންނާދިމާލަށް އިނގިލި ދިއްކުރެއެވެ. މޮޅުނުވީ އަހަރެންގެ ސަބަބުންކަމަށް ބުނެ، އަހަރެންދެކެ ރުޅިއާދެއެވެ. އެއީ ފަހަރެއްގައިވެސް އަހަންނަށް ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ.
މެންދުރުގެ ވަގުތެވެ. ފެންވަރައިގެން ނިކުތްއިރު މަންމައިނީ އަހަރެންގެ ކޮއްކޮ، ޝަރާގެ ބޯ ގަތާށެވެ.
" މިސް ބުނުއްވީ މާދަމާ މާދަރީ ބަހުގެ ދުވަސްވީމަ ސަޤާފީ ހެދުމެއް ލައިގެން އަންނާށޯ!"
ކުއްލިއަކަށް ހަނދާންވެގެން އަހަރެން އެހެން ބުނުމާއެކު މަންމަ އަހަންނަށް ބަލާލިއެވެ.
" އެކަމަކު ނުކެރޭނެ ލާކަށް! ކުދިން މަލާމާތްކުރާނެ! ހޭނެ!"
އަހަރެން އަވަސް އަވަހަށް ބުނީމެވެ. ނަމަވެސް މަންމަ އެގޮތެއް ޤަބޫލެއް ނުކުރިއެވެ. އެންމެ ދުވަހެއްވެސް ސްކޫލަށް ނުގޮސް ހުންނާކަށް މަންމަ ބޭނުމެއް ނުވާނެއެވެ.
" ތީ ނުދާން ދައްކާ ވާހަކަ.. ނިކަން ރީތި ހެދުމެއް ހޯދައިދޭނަން.. ސްކޫލަށް ދާންވާނެ!"
" މަންމާ! ދޮނާއަށް ހެޔޮވަރުވާނެ ބޮޑުނަސީރައްތަގެ ހެދުން.."
މަޖާވެގެން އެހެން ބުނުމަށްފަހު ކޮއްކޮ ހޭންފެށިއެވެ. ކޮއްކޮވެސް އަހަންނަށް މަލާމާތްކުރަނީއޭ ހިތަށް އެރިއެވެ. އަހަންނަށްވުރެ އެއް އަހަރު ހަގު، ކޮއްކޮއަށްވެސް ގޭތެރެއިން އަބަދުވެސް އިވޭނީ މަންމަ އަހަންނަށް ކިޔާ އެއްޗެއްސެވެ. އެހެންވެ، އަހަންނަކީ ދައްތަކަމުގައި ވިޔަސް ކޮއްކޮގެ ހިތުގައި އަހަންނަށްޓަކައި އެއްވެސް އިޙްތިރާމެއް ޤަދަރެއް ނުވާކަން އަހަންނަށް އެނގެއެވެ.
ޖެހިގެން އައި ދުވަހެވެ. އަހަރެން ދިޔައީ ދިގުހެދުމެއް ލައިގެންނެވެ. މަންމަ އަހަންނަށް ގެނެސްދިނީ ގްރޭޑް ހަތެއްގައި އުޅޭ ކުއްޖެއްގެ ހެދުމެކެވެ. އަހަރެންގެ ހަށިގަނޑު ފަލަކޮށް ބޮޑުކޮށް ހުންނާތީ، ކުލާހުގެ ކުދިންނާ އަޅާބަލާއިރު ، ބަލާބެލުމަށް އަހަރެން ވަރަށް ބޮޑުހެންވެސް ހީވެއެވެ. އެކަމާވެސް އަހަރެން ވަރަށް ދެރަވެއެވެ. އެއީ އެކަން ފާހަގަކޮށް ކުދިން އަހަންނަށް ފާޑުކިޔާތީއެވެ.
" އާޗާ! ހުރިހާ ކުދިން ހާދަ ރީއްޗޭ މިއަދު! އަވަހަށް އުޅޭ ފޮޓޯއެއް ނަގަން އެތުރިލަން"
މުދައްރިސް ފުރަތަމަވެސް ބުނުއްވީ އެހެންނެވެ. ފޮޓޯ ނަގަން އަހަރެން ވަރަށް ލަދުގަނެއެވެ. ނަމަވެސް ކުލާހުގައި ކުރަން ޖެހިއްޖެ ކޮންމެ ކަމަކީ ކުރަން މަޖުބޫރުކަމެކެވެ. އަހަރެން ގޮސް ހުއްޓުނީ އެންމެ ފަހަތުގައެވެ. އަހަރެން ހުރީވެސް ފޮރުވިގެންނެވެ. ޙަޤީޤަތުގައި އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ކުދިން ފަދައިން ރީތި ހެދުން ދައްކާލަން އަހަރެންވެސް ބޭނުންވެއެވެ.
" އަންނަ ހަފްތާ އިންޓަހައުސް ހޭންޑްބޯލް ކުޅުން އޮވޭ އިނގޭ! ކުލާހުން ހުރިހާ ކުދިންވެސް ބައިވެރިވާންޖެހޭ! މިކުލާސްވާނެ އެއްވަނަ ހޯދަން"
މުދައްރިސްގެ ޖުމްލައިން އަހަރެން ޖެހިލުންވިއެވެ. ޔަޤީނެވެ. އަހަރެން ބައިވެރިކުރާކަށް އެއްވެސް ކުއްޖެއް ބޭނުމެއް ނުވާނެއެވެ. އެހެނަސް އަހަންނަކީ ކުޅިވަރަށް ވަރަށް ލޯބިކުރާ ކުއްޖަކީމެވެ. ހޭންޑްބޯލް މެޗްތައް ބަލަންވެސް ދަމެވެ. މިކަހަލަ މުބާރާތެއްގައި ކުޅެލަން އަހަރެން ވަރަށް ބޭނުންވެސް ވިއެވެ. ނަމަވެސް އެ ފުރުޞަތު އަހަންނަށް ލިބޭނެހެންނެއް ހިއެއް ނުވެއެވެ.
އެދުވަހު ހަވީރު ޕްރެކްޓިސްއަށް އަހަރެންވެސް ދަނޑަށް ދިޔައީމެވެ. ފުރަތަމަ ކުޅުނީ އެންމެ ހަލުވި ކުދިންނެވެ. އެކުދިން ކުޅޭ ގޮތަށް އަހަރެންވެސް ވަރަށް ކުޅޭހިތްވެއްޖެއެވެ. ވަރަށް ފޯރިވެސް އަރައެވެ. ސަޕޯޓްވެސް ކުރެވެއެވެ. އަހަރެން އެރީ އެންމެ ފަހު ގުރޫޕުގައެވެ. ތަންކޮޅަކަށް ދުވެލާއިރަށް އަހަރެން ވަރުބަލިވެއެވެ. ފުންމާލެވެނީކީ ނޫނެވެ. ބޯޅައެއް އަތުގައި ޖެހިފަ ދޫވިޔަސް އެ ނަގަން ގުދުވެސް ނުވެވެއެވެ. އަހަންނަށް އިވެނީ ކުދިންގެ ހަޅޭކުގެ އަޑެވެ. ފެންނަނީ އަހަންނާދިމާލަށް އިނގިލި ދިއްކޮށްފައި ހޭ މަންޒަރެވެ. އަހަރެންގެ ހިތްވަރު އެލުނެވެ. ދެރަވިއެވެ. ލަދުގަތެވެ. އަދި ކުޅެން އަންނަހިތްވެސް ކަނޑާލިއެވެ.
" ސަމާ އަޅެ ތަންކޮޅެއް ބާރަށް ދުވެލަބަލަ! " އެކަކު ބުންޏެވެ.
" ޕިސްޕިސްޕިސް ސަމާ! ޑިފެންސަށް އަރާބަލަ! ކީއްތަ ތިކުރަނީ؟ ހަމަ ދޫކޮށްލަނީތި! ސަމާޔާ ހެދިގެން އެމީހުންނަށް ގޯލް ޖެހެނީ!"
ގޯލް ކީޕަރަށް ނުހިފެހެއްޓިގެން ގޯލަށް ބޯޅަ ވަނުމާއެކު، އޭނާވެސް ރުޅި އައީ އަހަރެން ދެކެއެވެ. ދަނޑުމަތީގައިވެސް އަހަންނަށް ހުރެވުނީ މާޔޫސްވެފައެވެ. އެދުވަހު ގެއަށް އައީވެސް ޕްރެކްޓިސްއަށް ނުދާން ނިންމައިގެންނެވެ.
" ދޮނާވެސް ކުޅެންތަ؟ "
ގެއަށް އައިސް ބޫޓު ބާލަން އިންދާ ކޮއްކޮ އަހާލިއެވެ. އަހަރެން ބޯޖަހާލުމުން ކޮއްކޮ ހޭންފަށައިފިއެވެ.
" ދޮނާ ކުޅެނީ ގޯލްކީޕަރަށްތަ؟ އަހަރެމެން ކުލާސް ކުދިން ބުނި ތި ކުލާހުގައި ދޮނާ ކަންނޭނގެޔޯ ގޯލަށް ހުންނާނީ! މުޅި ގޯލް ފުރާލާފަޔޯ އޭރުން އޮންނާނީ! "
ޝަރާގެ ވާހަކައިން އަހަންނަށް މަލާމާތްކުރަނީ ހަމައެކަނި އަހަރެންގެ ކުލާސްކުދިން ނޫންކަން އަހަންނަށް އެނގުނެވެ.
" ކޮންމެ ގޮތަކަށް ކުޅުނަސް ކޮން ބެހޭކަމެއް؟ "
ރުޅި މޫނު ދައްކާލަމުން އަހަރެން ވަނީ ގެއަށެވެ. މުބާރާތަށް އަރާހިތްވެސް ކެނޑިއްޖެއެވެ. އެންމެން އަހަންނަށް ދިމާކޮށް މަލާމާތްކުރަން އަހަރެން ހަމަ އެހާ ހުތުރީ ހެއްޔެވެ؟ ހަމަ އެހާ ފަލައީބާވައެވެ؟ ނޫނީ އަހަންނަށްވުރެ ފަލަ ކުއްޖެއް މިރަށުގައި ނެތީހެއްޔެވެ؟ އެކި ސުވާލުތަކުން އަހަރެންގެ ހިތް ވަގުތުން ރޮއްވާލައިފިއެވެ.
މެޗުގެ ފުރަތަމަ ދުވަހެވެ. ފުލްޓީމަކަށް އަހަންނެއް ނުހޮވުނެވެ. ނަމަވެސް ހުރިހާ ކުދިންނަށް ފުރުޞަތުދިނުމުގެ ގޮތުން އަހަރެންވެސް ބައިވެރިކުރިއެވެ. ދަނޑު އަރިމަތީގައި އަހަރެން މަޑުކޮށްލައިގެން ހުރީ ކުއްޖަކު ފައިބަން ދެނެވެ. އޭރުވެސް އަހަރެން ހުރީ ހިތް އަވަސްވެފައެވެ. ފާޑަކަށް ފައި ތުރުތުރު ލާކަންވެސް އަހަންނަށް އެނގުނެވެ. އެކުއްޖާ ފޭބުމާއެކު އަހަރެން ގާތު ދަނޑަށް އަރަން ކޯޗު ބުނެފިއެވެ. އަވަސް އަރުވާލެވުނު ވަރުން ދުއްވައިގަނެވުނު ގޮތަކުން ކަމެއް ނޭނގެއެވެ. ގުޅައަކަށް އަހަރެން ވެއްޓިއްޖެއެވެ. އެއާއެކު ހުނުމުގެ އަޑުން މުޅި ސަރަޙައްދު ގުގުމައިގަތެވެ.
" ގުއްޑި ވެއްޓިއްޖެ ގުޅައަކަށް! ދަނޑުގައި ރެނދު ލައިފި!"
ދަނޑުން ބޭރުން ބާރުބާރަށް ހީގަންނަމުން ވަރަށް ބާރަށް މީހަކު ބުނި އަޑު އަހަންނަށް އިވުނެވެ. ދެތިން ފަހަރަކު އޭނާ އެހެން ގޮވުމުން އެއީ މަހީލްގެ އަޑުކަން އަހަންނަށް ޔަޤީންކުރެވުނެވެ. އަހަންނަށް ރޮވުނީ ލަދުންނެވެ. ވެއްޓުނު ގޮތަށް ތެދުވަން ނުކެރިފައި އޮވެވުނީވެސް އެހެންނެވެ. މުދައްރިސާއި ކޯޗުގެ އެހީގައި ތެދުވެ، މޫނުގައި އަތް އަޅައިގެން އަހަރެން ދަނޑުންފޭބީމެވެ. އެއީ ދުވަހަކުވެސް ހިތުން ފޮހެލެވޭނެ ދުވަހެއް ނޫނެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ގްރޭޑް ފަހެއް ނިމި ހަޔަކަށް ދިޔަ އަހަރެވެ. މާލޭ ރައްޓެހި ދައްތަ އަހަރެން ކިޔަވަން ފޮނުވަން މަންމަގާތު އެދުނެވެ. އަހަރެން ވަގުތުން އެއްބަސްވީމެވެ. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މިރަށުން ފުރައިގެން ދާށެވެ. ދިޔުމަށްފަހު ދުވަހަކުވެސް މިރަށަކަށް ނާންނާނަމޭވެސް ހިތުގައި އޮތެވެ.
ބައްޕައާއެކު އަހަރެން މާލެ ދިޔައީމެވެ. ތާޖުއްދީންސްކޫލަށް ދިޔަ ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް އުފަލުން ފުރުނެވެ. ކްލާސް ޓީޗަރ ކިޔާޝާމިސްގެ އެދިލެއްވުމަށް ހުރިހާ ކުދިން އަހަންނަށް ހޫނު މަރުޙަބާއެއްކިއެވެ. ދެވަނަ ދުވަހު ސްކޫލަށް ދާން ބޭނުންވީވެސް އެކުދިންގެ އުފާވެރި މޫނު ދެވަނަ ފަހަރަށް ދެކެން ބޭނުންވެގެންނެވެ.
އަހަރުތައް މާޒީވަމުންގޮސް އަހަރެންގެ މަދްރަސީ ދައުރު ނިމިއްޖެއެވެ. ސްކޫލް ނިމުނުއިރު އަހަންނަކީ މުޅިމާލެއަށް ވިދާލާ ނަންމަޝްހޫރު ކުޅުންތެރިއެކެވެ. އޭރު މާލޭ ސްކޫލްތަކުގެ މެދުގައި ބޭއްވުނު ކޮންމެ މުބާރާތަކުން އަހަންނަކީ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ސްޕޯޓްސް އެކަޑެމީއެއްގައި ބައިވެރިވެގެން އަހަރެން ކުޅިވަރުގެ ރޮނގުން ކުރިޔަށް ދިޔައީމެވެ. އޭރުވެސް ރަށުގައި އުޅުނުއިރު ކަންތައްތައް ހިނގާ ދިޔަގޮތް ތާޒާކޮށް ހިތުގައި ހުއްޓެވެ.
މާލެ އައިގޮތަށް އެއްފަހަރުވެސް އަހަރެން ރަށަކަށް ނުދަމެވެ. މަންމައާ ކޮއްކޮ އަހަރެން ދެކިލާހިތުން ދެފަހަރަކު މާލެއަށް އައެވެ. އެވަރުންވެސް އެމީހުން ނުފެނި، އަހަރެން ހިތްވަރުކުރީ ރަށަށް ދާހިތް ނުވާތީއެވެ.
ރޭގަނޑުގެ ވަގުތެވެ. އަހަރެން ދަނޑަށް ދިޔައީ ޕްރެކްޓިސްއަށެވެ. އޭރު އެކަޑެމީގެ ހުރިހާ އަންހެން ކުޅުންތެރިން ތިއްބެވެ.
" އަތޮޅު ތަކުން ބައިވެރިވާ ހޭންޑްބޯލް މުބާރާތެއް އެބައޮތް! މިކޮޅުގައި އުޅޭ ހުރިހާ ށަވިޔަނި އަތޮޅު ކުދިން ޓީމެއް ހަދައިގެން ބައިވެރިވާންޖެހޭ! މުބާރާތް އޮންނަ ރަށް ފައިނަލް ވީމަ އަންގާނެ ކަމަށް ބުނީ! ތިލަދުންމަތީގެ ރަށްތަކުގެ މެދުގައި ބާއްވާ މުބާރާތެއްމީ!"
ކޯޗުގެ ވާހަކަ އަޑުއެހުމަށްފަހު އަހަރެން އެމުބާރާތުގައި ބައިވެރިވާން ބޭނުންވިއެވެ. އެހެންކަމުން އެކަމުގައި އިސްކޮށް އުޅެންފެށީމެވެ.
ހަފުތާއެއްހާ ދުވަހު ޕްރެކްޓިސް ކުރި ފަހުން ކޯޗު ބުނި ގޮތުގައި މުބާރާތް ބާއްވަން ހަމަޖެހިފައިއޮތީ އަހަރެންގެ ރަށް، ކޮމަންޑޫގައެވެ. އެއަޑު އިވި އަހަރެން މޭކަރާލިއެވެ. ރަށަށް ދާން ޖެހުނީތީއެވެ. ކުޅެން ފޫހިވެސްވިއެވެ. އެރަށުގެ މީހުންނާ ކުރިމަތިލާން ޖެހޭނެތީއެވެ. ނަމަވެސް އަހަރެންގެ އެދުމަށްޓަކައި އެހެންކުދިންގެ ކުރިމަގު ބަންދުކޮށްލާކަށް ބޭނުމެއްނޫނެވެ. އެހެންކަމުން ބޭރުފުށުން ހަމަޖެހުން ދައްކައިގެން އަހަރެން އެކަމަށް ރުހުނީމެވެ.
އަހަރެމެންނަށް އެރަށަށް ދެވުނީ މުބާރާތްފެށެން ގަޑިއެއްހާއިރެއް އޮއްވައެވެ. ރަށަށް ފޭބުމާއެކު ރަށުކައުންސިލުން އަހަރެމެންގެ ޓީމަށް ހޫނު މަރުޙަބާއެއްކިއެވެ. ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ބަނދަރަށް ޖަމާވެފައި ތިއްބެވެ.
" ދޮނާ! " އަހަރެން ސިހުނީ ޝަރާގެ އަޑުންނެވެ. މީހުންތަކުގެ ތެރެއިން ޝަރާ އަހަންނަށް ހަނާއަޅާލިއެވެ. ހީވާގޮތުން ބައެއް މީހުންނަށް އަހަރެން އެނގުނީވެސް ޝަރާ އަހަންނަށް ގޮވީމައެވެ.
" އެއީ ހަމަ ސަމާތަ؟ ހާދަ ބޮޑަކަށް ހިކިފަ؟ "
ޓީމް ކުދިންނާއެކު ކުރުނބާ ބޯން އިންދާ ފަހަތުން މީހަކު ބުނިއަޑު އަހަރެން އެހީމެވެ. އިވޭކަމަށްވެސް ނަހަދާ އަހަރެން އިނީމެވެ. ބަލާލާކަށްވެސް ބޭނުމެއް ނުވިއެވެ.
ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ށ އަތޮޅާއި ހދ އަތޮޅެވެ. އަހަންނަކީ ޓީމް ކެޕްޓަނެވެ. ދަނޑަށް އެރުމަށްޓަކައި އަހަރެން ގޮސް ހުއްޓިލީ މީގެ ހަތްވަރަކަށް އަހަރު ކުރިން، ހަމަ މިދަނޑަށް އެރުމަށް، އަހަރެން ގޮސް ހުއްޓުނު ތަނުގައެވެ. ހަމަ އެފިޔަވަޅު މަތީގައެވެ. އެދުވަހުގެ ހަނދާންތައް އިއްޔެ ވީ ކަމެއްހެން ތާޒާކޮށް ހިތުގައި އެބަހުއްޓެވެ. އެދުވަހު ގަތް ލަދުންނާއި ވީ ދެރައިން ހިތުގައި ޖެހި، ޒަޚަމްވި ހިތަށް އަދިވެސް ފަރުވާއެއް ނުލިބެއެވެ. އެދުވަހު ހިތުގައި ޖެހުނު ލައްގަނޑެއް ނުފިލިއެވެ.
ވަށައިގެންތިބި މީހުންތަކަށް އަހަރެން ނަޒަރު ހިންގާލީމެވެ. އުއްމީދާއި އިތުބާރާއެކު އަހަރެން ދަނޑަށްއެރީމެވެ. ކުޅެން ފެށުމާއެކު މީހުންގަނޑު ކެކިއަރައިގަތެވެ. ތިން ހަތަރު ފޫޓު މައްޗަށް ފުންމާފައި އަރާ އެތައް ގޯލެއް ޖެހީމެވެ. އަހަންނަށްވުރެ ހަލުވިކޮށް ދުވާ އެކަކުވެސް އެ ދަނޑަކު ނެތެވެ. އެދުވަހު އަހަރެން އެދަނޑުން ފޭބީ ބޮޑު ތަނުން އިދިކޮޅުޓީމު ބަލިކޮށްފައެވެ.
މެޗަކަށްފަހު މެޗެއް ކުޅެމުން ގޮސް ، ޗެމްޕިއަންކަންވެސް ނެގީ އަހަރެމެންނެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް ޚުދު އަހަންނެވެ. ދަނޑުން ފޭބުމާއެކު އަހަރެންގެ ކޮއްކޮ އައިސް އަހަރެންގެ ގައިގައި ބައްދާލުމަށްފަހު މަރުޙަބާ ކިޔެވެ.
" ދޮނާ! އެކޮޅުގައި އެބަހުރި ދޮނާއާ މީޓް ކޮށްލަން ބޭނުންވެފައި ހުރި ކުއްޖެއް! ގްރޭޑް ފައިވްގެ ކްލާސްމޭޓެއް! މަހީލް! "
ސިއްރުން ކަހަލަ ގޮތަކަށް ޝަރާ ބުނެލިއެވެ. އެއާއެކު އަހަރެންގެ ހިތް ތެޅިގަތެވެ. މަހީލްއަކީ މީގެ އެތައް އަހަރެއް ކުރިން އަހަރެންގެ ހިތުގައި ރައްކާކޮށްގެން އުޅުނު ނަމެކެވެ. ހިތުގައި ކުރެހުނު ސޫރައެކެވެ. އެހެންކަމުން ކޮންމެހެންވެސް އަހަރެން އޭނާގެ ގާތަށް ދާން ބޭނުންވިއެވެ.
" އެނގިއްޖެތަ ކާކުކަން؟ ގައިމުވެސް އަހަރެން ސަމާމަތިން ހަނދާނެއް ނުނެތޭ!"
މަހީލް ވާހަކަ ދެއްކި ރާގުން އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ.
" އާނ! ތީ މަހީލްއެއްނު! ކިހިނެއް މަހީލް މަތިން ހަނދާންނެތޭނީ؟"
އަހަރެން އެހެން ބުނުމުން މަހީލް އުފާވިވަރު އެ މޫނުމަތިން ފެނުނެވެ. ޖީބުން ފޯން ނަގަމުން އޭނާ އަނެއްކާވެސް ވާހަކަ ފެށިއެވެ.
" އެހެންތަ؟ ހަނދާން ހުރީތީ ވަރަށް އުފާވެއްޖެ! އަސްލު ސަމާ މިރޭ ކުޅުނުވަރު ފެނިފަ ހަމަ ހައިރާންވެފަ މިހުރީ! ތި ފެންވަރަށް ކުޅޭ ކުއްޖެއް އަދި ދުވަހަކުވެސް ނުދެކެން!"
އޭނާ ތަޢުރީފް ކުރަން ފެށުމުން އަހަރެން ހީލީމެވެ.
" ނަންބަރު ދީބަލަ! ފަހުންވެސް ގުޅާލަން ކަމަށް! ގައިމު ކޮންމެސް ކަމެއް ވީމަތާ އަހަރެންމަތިން ހަނދާން ނުނެތޭނީ؟"
ފްލާރޓް ކުރާ ރާގުގައި މަހީލް އެހެން ބުނުމުން އަހަންނަށް ހެވުނެވެ. އެއްފިޔަވަޅު މަހީލްއާ ގާތަށް ޖެހިލަމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
" އާނ! އަހަރެން ހަނދާން ހުންނަނީ ހަމައެކަނި މަހީލް މަތިން! ދުވަހަކުވެސް ހަނދާނެއް ނުނެތުނު! އެނގޭތަ އެއީ ކީއްވެކަން؟ އެއީ ހިތުން ނުފިލާވަރަށް، ހަނދާން ނުނެތޭ ވަރަށް.... އަހަންނަށް މަލާމާތްކޮށް ފުރައްސާރަކޮށް އަހަރެން ލަދުގެންނެވުމުގައި އެންމެ އިސްކޮށް ހުރި މީހަކީ މަހީލް! ރަށުތެރޭގަވިޔަސް، ސްކޫލްގައިވިޔަސް، ކޮންމެ ތާކުވިޔަސް އަހަރެން ރޮއްވާލަން ފަސްނުޖެހުނު މީހަކީވެސް މަހީލް! ހަނދާންވޭތަ؟ ހަނދާންވޭތަ ހަމަ މިކުޅިވަރު ކުޅެން އެހެރަ ފެންނަ ދަނޑަށް އަހަރެން އަލަށް އެރި ދުވަސް؟ ނަސީބު ދެރަކަމުން އެދުވަހު އަހަރެން ވެއްޓުނީ! ދަނޑުބޭރުންވެސް މަގޭ މި ކަންފަތް ފަޅައިގެން ދާވަރަށް ގުއްޑީ ވެއްޓިއްޖޭ ގޮވަމުން ދުވި މީހަކީ ހަމަ ތީ! ދެން ބުނެބަލަ ކިހިނެއް މަ ކަލޭ މަތިން ހަނދާން ނެތޭނީ؟ އަހަރެން މިރަށުން ފުރައިގެން ދިޔައީ ކަލޭމެން ކުރާ ޖެއްސުމުން ސަލާމަތްވާންވެގެން! ލޯބިވާ މަންމައާ އާއިލާ ދޫކޮށް، މާދުރަށް ގޮސް އެނބުރި ނައިސް މިހުރީ މިހިތަށް ކެތްވެގެންނެއް ނޫނޭ! ކަލޭމެން މަށަށް ހަނގާކޮށް ، އަނިޔާ ދިނީމަ! އަނިޔާއަކީ ހަމައެކަނި ޖިސްމާނީގޮތުން ދެވޭ އެއްޗެއް ނޫން! އެކި ގޮތްގޮތަށް މަލާމާތްކޮށްކޮށް ނަފްސާނީގޮތުން އަހަރެން ބަލިކަށިކޮށްލީވެސް ހަމަ ތިމީހުން! އަހަރެން މިހިސާބަށް އައިސް މިހުރީ ހާދަ މަސައްކަތަކުންނޭ! މިގޮތަށް ހިތްވަރުކޮށްފައި ކުރިއަށް ދާނީ މަދު ކުއްޖެއް! ބުލީ ކުރެވޭ ގިނަ ކުދިންނަކީ މުޖުތަމަޢަށް ބޭކާރުވެ ބާކީ ޖެހިފައިތިބި ކުދިން! އެއީ ކީއްވެ؟ "
އައި ރުޅިން އެއްފައްޗަކަށް ހުރިހާ ވާހަކަތަކެއް އަހަރެން އަމުނާލީމެވެ.
" އެއީ ތިކަހަލަ ގޮތެއްފޮތެއް ނެތް މީހުންގެ ވިހަ ދޫތަކުން ބުނެލާ ބަސްތަކުން އެކުދިންގެ ކުރިމަގު ހަނަފަސްކޮށްލާތީ! އުއްމީދުތައް ފުނޑާލާތީ! އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލޭތީ! އަލްޙަމްދުލިﷲ! މިއަދު އަހަންނަށް ކުރިއަށް ދާން މަގެއް ކޮށިއްޖެ! އަދި އެއް ވާހަކަ! މީހެއްގެ ކިބައިގައި ހުންނަ ސިފައަކުން ނޫނީ އެހެންވެސް ކަމަކުން އެމީހާއަށް މަލާމާތް ނުކުރާތި! އަނެކާ ހިތުގައި ޖެހޭފަދަ ބަހެއް ބުނެލައިފިނަމަ އެއީ ދުވަހަކުވެސް ފިލައިގެން ދާނެ އެއްޗެއް ނޫން! ހިތްވާނީ ހަމަ ޒަޚަމް! އަހަރެންގެ މޭގައިވެސް މިއޮތީ ހަމަ ތިކަހަލަ ގޮތެއް ނެތް މީހުން ކިޔާފައި ހުރި އެއްޗެހިން ޒަޚަމްވެ، ފިހިފައިވާ ހިތެއް!"
އެހިސާބަށް ބުނެލާފައި އޭނާގެ ރައްދަކަށް މަޑުކުރުމެއްނެތި އަހަރެން ހިނގައިގަތީމެވެ. އޭރު މަންމައާ ކޮއްކޮ ތަންކޮޅެއް ދުރުގައި ހެވިފައި ތިއްބެވެ. އެ އުފާވެރި މޫނުތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ލިއްބައިދިނެވެ. ކަރުގައި އޮތް މެޑަލް ނަގާ މަންމަގެ ކަރަށް މަހާލަމުން މަންމަގެ ގައިގައި ބައްދާލީމެވެ. ބުނަން ބޭނުންވެ، ހިތަށް ޖަމާވެފައި ހުރި ވާހަކަތައް ބޭރުކޮށްލެވުމުގެ އުފާވެރި އިޙްސާސް އޭރުވެސް އަހަންނަށް ކުރެވެމުންދެއެވެ. މިރޭ ފުރަން ހަމަޖެހިފައިވީ ނަމަވެސް، މަންމަމެންނާއެކު އަހަރެން ހިނގައިގަތީ އަހަރެން އުޅެ ބޮޑުވި ގެއަށް ވަދެލާ ހިތުންނެވެ.
( ނިމުނީ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!