ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް އެ މައްސަލާގައި ލޯންޑާ ކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދޭން ކޯޓުން މިދިޔަ މަހު އަމުރެއް ނެރުނެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފަ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމް ވެސް އިސްތިއުނާފަށް އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ވެސް ދައުލަތުން ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!