މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ސްޕެއިން ކެޓުމާއި ގުޅިގެން އޭރު ކޯޗުގެ މަގާމުގައި ހުރި ލުއިސް އެންރީކޭ އެ މަގާމުން އިސްތިއުފާ ދިނުމާއިއެކު ސްޕެއިންގެ އައު ކޯޗަކަށް ހަމަޖެއްސި ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ސްޕެއިންއާއި ނޯވޭ ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

ރޭގެ މެޗުގައި ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ބަލްޑޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑެނީ އޯލްމޯއެވެ.

މެޗުގައި ސްޕެއިނުން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޯސެލޫއެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ މެޗުގެ 81 ވަނަ މިނެޓުގައެވެ. އޭނާ ފުރަތަމަ ލަނޑު 84 ވަނަ މިނެޓުގައި ޖަހައިދިން އިރު، ޖެހިގެން އައި މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއްޖަހައި ސްޕެއިން އަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އުމުރުން 32 އަހަރުގެ ޖޯސެލޫއަކީ 2006 ގެ ފަހުން ސްޕެއިން ޓީމަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.

މި ގްރޫޕުގައި ސްކޮޓެލެންޑާއި ސައިޕްރަސް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސްކޮޓްލެންޑެވެ.

މި ގްރޫޕުގައި ސްޕެއިން އަންނަ އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރާނީ ސްކޮޓްލެންޑާއެވެ. އަދި އެ ރޭ ނޯވޭ ނުކުންނާނީ ޖޯޖިއާއާއި ދެކޮޅަށެވެ.