ޖަލުގެ އާބާދީގެ 80 އިންސައްތަ ގައިދީންނަކީ އެންޑީއޭގެ ފަރުވާނުލިބި ތިބި މީހުން ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ގުޅިގެން ކުރި މަސައްކަތުން، ޖަލުތަކުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭ 300 މީހުން، އެ ޕްރޮގްރާން ފުރިހަމަނުކޮށް އެބަތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad
rt

މަސްތުވާތަކެތި ހާލަތު ގެނެގަތުމަށް ހެލްތު މިނިސްޓްރީން ހެދި މި ދިރާސާ އާ ގުޅޭގޮތުން ސަމާއު ވިދާޅުވީ އެ ދިރާސާއިން އެނގިގެން ދިޔައީ އެންޑީއޭގެ ފަރުވާގެ ޕްރޮގްރާމްތަކުން ފާއިތުވި 5 އަހަރު ފަރުވާއަށް ގެނައި މީހުން ގިނަކަން ކަމަށެވެ. އެގޮތުން އެ ފަރުވާއަށް ގެނައި ގިނަ މީހުންނަކީ ޖަލުތަކުގައި ތިބި މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެއްދޮރުންވައްދާ، އަނެއްދޮރުން ނެރެ ފަރުވާއިން ވަކިކޮށް ޖަލުހުކުމަށް ފޮނުވާލާފައިވާކަން ފާހަގކުރެވިފައިވާ ކަމަށް ވެސް ސަމާއު ވިދާޅުވިއެވެ.

"ރާއްޖޭގައި މަސްތުވާތަކެތީގެ ގާނޫނު ބަޔާންކުރާގޮތަށް ޑްރަގް ކޯޓުން ފަރުވާއަށް ހުކުމެއް އައިސްގެން ފަރުވާ ހޯދާ މީހުން ގިނަ. އެކަމަކު އަމިއްލައަށް ބޭނުންވެގެން ފަރުވާ ހޯދުމަށް އައި މީހުންގެ އަދަދު ނިސްބަތުން މަދު." ސަމާއު ވިދާޅުވިއެވެ.

އެހެންނަމަވެސް ފަރުވާގެ ކަންކަން ސިއްހީ ނިޒާމުގެ ތެރެއިން ގެންދިޔުމަށް ނިންމުމުން އަމިއްލައަށް ފަރުވާއަށް ދާމީހުން އިތުރުވަމުން އަންނަކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، އަލުން އަނބުރާ މަސްތުވާތަކެތީގެ ތެރެއަށްދާ މީހުންގެ އަދަދަުވެސް އިތުރުވަމުންދާކަން ދިރާސާއިން ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވުމަށް އެންޑީއޭގައި ރަޖިސްޓްރީވެފައި ތިބި މީހުންގެ ލިސްޓުގައި ގިނަ ބަޔަކު ތިބިކަން އެންޑީއޭއިން މިދިޔަ އަހަރު ވެސް ވަނީ ފާހަގަކޮށްފައެވެ.