ތިން ރަށެއްގެ ބައި އިލެކްޝަން ބާއްވާ ތާރީޚު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފިއެވެ.

އީސީ އިން އިއުލާން ކޮށްފައިވަނީ ވ. ރަކީދޫ، ވ. ތިނަދޫ އަދި އދ. ދިއްދޫ ގެ ބައި އިލެކްޝަން މެއި 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު، އަދި އދ. ދިއްދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު އެދުވަހު ބާއްވާނެ ކަމަށް ވަނީ ބުނެފައެވެ.

އީސީ އިން ބުނީ ވޯޓުލުން ކުރިއަށް ދާނީ އެދުވަހުގެ ހެނދުނު 8 ން ހަވީރު 4 ޖަހަންދެން ކަމަށާއި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ ވެސް އެ ދުވަހު ކަމަށެވެ.

މީގެ އިތުރުން ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ރިޟާ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވުމާ ގުޅިގެން، އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކ. ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން ބާއްވަން ވަނީ ނިންމާފައެވެ.

އެ ބައި އިލެކްޝަންގައި ވާދަ ކުރައްވަނީ ގުރައިދޫ ދާއިރާ މެންބަރު އިބްރާހިމް ރިޟާގެ ކޮއްކޮ ހުސައިން ރިޟާ އާއި އެމްޑީފީގެ ފަރާތުން މުހައްމަދު ޝާޒް އަދި އެމްއެންޕީގެ ފަރާތުން އަލީ އަރީފެވެ.