"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ފީޗަރ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ޖެންޑަރ މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެ ފިލްމު ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުމަށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމާއި ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވެއެވެ.

Ad
rt

މި ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމަކަށް ވާންޖެހޭނެ ކަމަށާއި ފިލްމުގެ ދިގު މިނަކަށް ވާން ޖެހޭނީ ގާތްގަނޑަކަށް 90 މިނެޓު ކަމަށެވެ.

މީގެ އިތުރުން ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ އެ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފިލްމުގެ ލީޑު ރޯލުގައި ހަރަކާތްތެރިވާ މީހުންގެ ހަރަދު ހަމަޖައްސަން ޖެހޭނީ ވެސް އެ މަސައްކަތާ ހަވާލުވާ ބައެއް ކަމަށް ވިދާޅުވެއެވެ.

އެހެންނަމަވެސް ކުދި ރޯލުތަކަށް މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވާގޮތުން އެ މަަސައްކަތާ ހަވާލުވާ ބަޔަކު ފިލްމު ޕްރޮމޯޓްކުރަން 30 ސިކުންތުގެ ޓްރައިލަރއެއް ވެސް ތައްޔާރުކުރަން ޖެހެއެވެ.

އެ މަސައްކަތަށް އެކަށީގެންވާ ބަޔަކު ކަނޑައެޅުމުގައި އެ މަސައްކަތުގެ އަގާއި އެ މަސައްކަތް ނިންމޭނެ މުއްދަތާއި ޓީމުގެ ގާބިލުކަމާއި މިނިސްޓްރީގެ މެންޑޭޓަށް ފެތޭ އިޖުތިމާއީ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ފިލްމާއި، ޓްރެއިލަރ އުފެއްދުމުގެ ތަޖުރިބާއަށް ބަލާނެކަމަށް އިއުލާނުގައި ވެއެވެ.