އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއް ކަމަށާއި އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީގޮތުން ފަރުދުންނާއި މުޖުތަމައަށް ފޯރާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

ޚުތުބާގައި ބުނީ ކީރިތި ރަސޫލާގެ އިރުޝާދަށް ތަބާވެ، އިސްރާފު ނުވާގޮތަށް ކެއުމާއި ބުއިމުގެ ކަންތައްތައް ހަމަޖައްސައިލެވިދާނެ ކަމަށެވެ.

Ad
rt

ރަމަޟާން މަހަކީ ޘަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެއް ކަމަށާއި ހެޔޮކަމާއި ދަރުމައިގެ ފޯވައްސެއް ކަމަށް ވެސް ޚުތުބާގައި ވެއެވެ. އެހެންނަމަވެސް ބައެއް މުސްލިމުންގެ ތެރޭގައި އެމަސް ވެފައިވަނީ ކާބޯތަކެތިން އިސްރާފުކުރުން ގިނަ، އަދި ގިނަ ބާވަތުގެ ކާބޯތަކެތި ތައްޔާރުކޮށް، އުކާލާ މަހެއްގެ ގޮތުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

"އެއްވެސް މަހެއްގައި އިސްރާފު ކުރުމަކީ ﷲ ރުހިވޮޑިގެންވާ އަމަލެއް ނޫން ކަމުގައިވިޔަސް މިއަދު އިންސާނުންނާ ކުރިމަތިވެފައިވާ އިޖުތިމާއީ ބަލިތަކުގެ ތެރޭގައި އިސްރާފުކުރުން ހިމެނޭ. މިކަން ބޮޑަށް ގުޅިފައިވަނީ ތަނަވަސްކަމާ. ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ، އިސްރާފުގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެ." ޚުތުބާގައި ވެއެވެ.

ޚުތުބާގައި ބުނީ ހެޔޮގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްގު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީ ވެސް އިސްރާފެއް ކަމަށެވެ. އަދި ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދަލާއި ކާބޯތަކެތި އުކާނުލައި އެތަކެތި ބޭނުން ކުރުމަށް އިސްލާމް ދީންބާރު އަޅާ ކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނީ އެތަކެއްޗަކީ ﷲ ގެ ނިޢުމަތެއް ކަމަށާއި މިތަކެތި އުކާލުމަކީ ނިޢުމަތުގެ ވެރިފަރާތަށް ޝުކުރު ނުކުރުން ކަމަށެވެ.

ހަމައެކަނި މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް މިހާރުވެސް 2 ޓަނަށްވުރެ ގިނަ ކާބޯތަކެތި އުކާލާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި އަދަދު ރޯދަމަހު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މުދާ ހަލާކުވަންދެން ބަހައްޓާ އެތަކެތި އުކާލުމަކީ އިސްރާފު ކުރުމަށް ވުރެވެސް ނުބައި ކަމެއްކަން ވެސް ވަނީ ހަނދާން ކޮށްދީފައެވެ.