ބައެއް ކުޅިވަރުތަކަށް ކޯޗުން ނުލިބިގެން، ސްޕެޝަލް އޮލިމްޕިކް އޮފް މޯލްޑިވްސް (އެސްއޯއެމް) ގެ ކުޅިވަރުތަކުގެ ފަރިތަކުރުންތައް ނުފެށޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި އެސްއޯއެމްގެ ޗެއަރމަން ޝާއިނާ ވިދާޅުވީ ފުޓް ބޯޅައިގެ ކޯޗުން ނުލިބޭ ކަމަށެވެ. އެ ކުޅިވަރުގެ ތަމްރީނު ލިބިފައިވާ ކޯޗުން ހޯދުމަށް އިއުލާން ކުރުމުން ވެސް އެކަށީގެންވާ އިޖާބައެއް މިހައިތަނަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން 2021 ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެގްޒެކެޓިވް ބޯޑު އެކުލަވާލެވި އެ އަހަރު ފެށުނު ގިނަގުނަ ހަރަކާތްތަކެއް 2022 ގައި ކުރިއަށް ގެންދެވުނު ކަމަށާއި މައިގަނޑު މަގުސަދެއް ކަމުގައި ކަނޑައެޅީ ސްޕެޝަލް އޮލިމްޕިކްސްގެ ބައިވެރިން އިތުރުކުރުމާއި އެސޯސިއޭޝަންގެ ހަރަކާތްތައް ޢަމަލީގޮތުން ކުރިއަށް ގެންދިޔުން ކަމަށް ވެސް ވިދާޅުވިއެވެ.

"މި ގޮތުން އަޅުގަނޑުމެންގެ މެންބަރުންގެ ޢަދަދު ޖުމްލަ 627 އަށް އިތުރުކުރެވުނު. އަދި އަޅުގަނޑުމެން ކަނޑައަޅާފައިވާ ބެޑްމިންޓަން، ފެތުން، އެތްލެޓިކްސް އަދި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންދެވުނު. ބެލެނިވެރިންނަށް ހާއްސަކޮށްގެން ސެޝަންތައް ކުރިއަށް ގެންދިޔުމާއި އަތޮޅުތެރެއަށް ސްޕެޝަލް އޮލިމްޕިކްސް ތަޢާރަފްކުރުން ވެސް ފާހަގަކޮށްލެވޭ." އޭނާ ވިދާޅުވިއެވެ.

ޗެއަރ އިތުރަށް ވިދާޅުވީ މީގެ ތެރެއިން ވެސް ފުޓްބޯޅަ ކުޅެން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު އެންމެއެދެވޭ ގޮތުގައި ފޯރުކޮށްދެވިފައި ނުވަނީީ ތަމްރީނު ލިބިފައިވާ ކޯޗުން ނުލިބުމުން ކަމަށެވެ.

އެހެންނަމަވެސް މިއަަހަރު އެކަމަށް ހައްލެއް ލިބޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަޒުމަކީ ކުޅިވަރުގެ ފަރިތަކުރުންތައް ވެސް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށް ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.