މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުގެ ރޯދަ އިނާޔާތުގެ އިތުރަށް 2،000 ރުފިޔާ ދޭން ނިންމައިފިއެވެ.
އެމްޕީއޭލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުންގެންދާ ސަރަހައްދީ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭ 3000 ރުފިޔާގެ އިތުރަށް "ރޯދަ ހަދިޔާ" ގެ ގޮތުގައި އިތުރު 2000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލުން ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމީ އެ ކުންފުނިން ނިންމީ ބަނދަރުގައި މަސައްކަތް ކުރާ ގިނަ މުވައްޒިފުންނަކީ ރޯދަ މަހުވެސް ގިނަ ވަގުތުގައި މަސައްކަތުގައި އުޅެން ޖެހޭ ބަޔަކަށްވާތީ އެ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
މީގެއިތުރުން، ރޯދަ މަހަކީ އާންމު މިންވަރަށްވުރެ އިތުރަށް މުދާ އެތެކުރާ މަހަކަށްވާއިރު، އެ ކުންފުނީގެ އޮޕަރޭޝަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އެ ކުންފުނީގެ މުވައްޒަފުންކަން ވެސް އެމްޕީއެލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެމްޕީއެލްގެ އިތުރުން މިއަހަރު އެމްއޭސީއެލް އިން ވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ރީދަ އިނާޔަތުގެ އިތުރުން ރޯދަ ހަދިޔާގެ ގޮތުގައި 2000 ރުފިޔާ ދީފައެވެ.
ގާނޫނުގައިވާ ގޮތުން ރޯދަ މަހު މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެއެވެ. އަދި ރޯދަ މަސް ފެށުމުގެ ކުުރިން ރޯދަ އިނާޔަތް ދޭން ޖެހޭނެއެވެ.
މިއަހަރު މުލަ ރޯދަ ދުވަހަކީ މާދަމާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!