ސްޕެނިޝް ލީގުގެ ސެވިއްޔާގެ ކޯޗްގެ މަގާމުގައި ހުރި ޖޯޖް ސަމްޕޯލީ އެ މަގާމުން ވަކިކޮށްފިއެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށާއި ޗިލީއަށް ވެސް އިރުޝާދުދިން އުމުރުން 63 އަހަރުގެ ސަމްޕޯލީ ދެވަނަ ފަހަރަށް ސެވިއްޔާއާއި ހަވާލުވެފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.

Ad
rt

ސަމްޕޯލީގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ނެރެމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިވަގުތު އެ ޓީމް އޮތީވެސް ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 26 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމާއި ރެލިގޭޝަން ޒޯނާއި ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ.

ލީގުގައި ނަތީޖާ ދަށް ނަމަވެސް ސަމްޕޯލީގެ އިރުޝާދުގެ ދަށުން ޔޫރޮޕާ ލީގުގައި ސެވިއްޔާގެ ނަތީޖާ ގޯހެއް ނޫނެވެ. އޭނާގެ އިރުޝާދުގެ ދަށުން ސެވިއްޔާ ވަނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. ކުއާޓާގައި ސެވިއްޔާ ބައްދަލުކުރަން ޖެހޭނީ ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއެވެ.

ސަމްޕޯލީ ވަކިކޮށް މި ސީޒަންގެ ނިޔަލަށް ސެވިއްޔާއިން ކޯޗަކަށް މިހާރު ހަމަޖައްސާފައި ވަނީ 2015 އިން 2021 ވަނަ އަހަރާ ހިސާބަށް ލަލީގާގައި ވާދަކުރި އެއިބާއަށް އިރުޝާދުދިން ޖޯސް ލުއިސް މެންޑިލްބާއެވެ.

އާ ކޯޗުގެ އިރުޝާދުގެ ދަށުން ސެވިއްޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހު އެ ޓީމް ނުކުންނާނީ މިވަގުތު ތާވަލުގެ 15 ވަނާގައި އޮތް ކާޑިޒްއާއި ދެކޮޅަށެވެ.